ޓުއަރިޒަމް

ދުނިޔޭގެ އެންމެ ބޮޑު ޑައިވް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ އެންމެ ބޮޑު ޑައިވް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުގައި ކުރިއަށްދާ 'ބޫޓް ފެއަރ' ގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 6 ކުންފުންޏަކުން 14 ފަރާތެއް ބައިވެރިވެއެވެ.

ޑައިވިންގްއާއި މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މިފެއަރއަށް މިދިޔަ އަހަރު ދުއިސައްތަ ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ލަކްޝަރީ ޔޮޓާއި ޑައިވިންގއަށް ދިޔުމަށް ބޭނުންކުރާ ތަކެއްޗާއި ވޯޓާ ސްޕޯޓްސްގެ ސާމާނުގެ އިތުރުން ޑައިވިންގއަށް ޙާއްސަ މަންޒިލްތައް މި ފެއަރގައި ބައިވެރިކޮށްފައިވެއެވެ.

ރާއްޖެއިން މި ފެއަރގައި ބައިވެރިވި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދުއެވެ. އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި މިފެއަރ މެދުވެރިކޮށް، ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން އިތުރަށް އިޝްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމަށް އެހީތެރިވެދޭނެއެވެ.