ތަރައްްޤީ

މިއަހަރު ދިއްގަރަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންދެވޭނެ-ރައީސް


ދިއްގަރުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް، 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ހޯއްދަވައިދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ދިއްގަރުގެ ފެނުގެ ނިޒާމްގެ މަޝްރޫޢުގެ ފެށްޓެވުން އިފްތިތާޙުކުރެއްވުމާއި، ނަރުދަމާގެ ޢަމަލީ މަސައްކަތް ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އާބާދީ އާއި، ބޮޑެތި އާބާދީ ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިންވެސް، ހުރިހާ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބިދެއްވުމަކީ އެއްމެ މުހިއްމު އެއްކަންތައް ކަމުގައި ރައީސް ވިދާޅުވިއެވެ. ދިއްގަރުގައި ސަރުކާރުން ކުރިއަށް ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކައް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓް ދިނުމަށް ކޭބަލް އެޅުމުގެ މަސައްކަތް ކުރިޔަށް ދާކަން ފާހަގަކުރައްވައި، އެރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީކުރެއްވުމަށް މިއަހަރުގެ ތެރޭގައި ދިއްގަރަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހޯއްދަވައިދެއްވާނެކަމަށެވެ.

" އަސާސީ ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ ރައްކާތެރި ބޯފެން ރަށުގެ ހުރިހާ ގެއަކަށް ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް. މިކަންކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ބަޖެޓުވެސް ތަރުތީބުކުރަމުންދަނީ. މިރަށުގައި 2014 ވަނަ އަހަރު އާބާދުވި ސަރަަހައްދުގައި ކަރަންޓްގެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ކޭބަލް ވަޅުލަމުން އެދަނީ. 2017 ވަނަ އަހަރު މިރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ ޖަނަރޭޓަރު މިރަށަށް ލިބިގެންދާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު އަސާސީ ޚިދުމަތް ދެމުންކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރައްވައިގެން ހިންގަވާ ފެނުގެ މަޝްރޫޢުތަކުން ތައްޔިތުންނަށް ދެއްވާ ފެނުގެ ޚިދުމަތް ބޭނުންކުރާއިރު، ފެން އިސްރާފް ނުކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރ ގޮވާލެއްވިއެވެ.

"ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން މިދަދަ ނިޒާމްތައް ގާއިމް ކުރައްވަމުން ގެންދާއިރު، ދެމެހެއްޓެނިވި ގޮތުގައި މި ޚިދުމަތް ފޯރުކޮށް ދިނުމަށް ފެން އިސްރާފް ނުކުރުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރަން" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލްގެ ރައީސް ޢިމްރާން އިސްމާޢީލް ދެއްކެވި ވާހަކައިގައި، މިއަދަކީ ދިއްގަރު ރައްޔިތުންނަށް އުފާވެރި ދުވަހެއްކަމަށް ސިފަކުރެއްވިއެވެ. އަދި މީގެ ކުރިން ދިއްގަރަށް ތަރައްޤީގެ ރޮނގުން ލިބިފައިނުވާހާ ބޮޑު ކުރިއެރުންތައް ރައީސް ޔާމިންގެ ވެރިކަމުގެ މި ކުރު މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށް ވިދާޅުވިއެވެ."ފުޓްސަލް ދަނޑެ 90 އިންސައްތަ މަސައްކަތް ނިމިފައި. އިތުރަށް ބޭނުންވާ ކާރޕެޓް  މިހާރުވަނީ މާލެ ގެނެސްފައި. އަންނަ މާރޗް މަހުގައި ފުޓްސަލް ދަނޑުގައިކުޅޭނެ." ދިއްގަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސްގެ ވާހަކައިގައި، ދިއްގަރަށް ދިމާވެފައިވާ، ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި. އަދި، ކުނިކޮށި އިތުރަށް ތަރައްޤީކުރަން ޖެހިފައިވާކަމަށާއި، މިކަންކަން ސަރުކާރުން ޙައްލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ދިއްގަރުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.