ތަރައްްޤީ

ތުލުސްދޫ ހިއްކި ބިމުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ


މާލެ އަތޮޅު ތުލުސްދޫން ހިއްކަވާފައިވާ ބިން ހިމެނޭ ސަރަޙައްދުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެއެވެ.

ތުލުސްދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކޮށްދެއްވައި، ސިނާޢީ މަސައްކަތްތަކަށް އެށީގެންވާ ބިންތައް ދޫކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެރަށުގެ ބިން ހިއްކެވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބޮސްކާލިސް ކުންފުންޏާ ޙަވާލުކުރައްވައިގެން ވިއްސަކަށް ދުވަހުގެ ތެރޭގައި ތުލުސްދޫގެ ބިން ހިއްކަވާފައިވަނީ، ސަރުކާރުގެ ބަޖެޓުން 10 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެންނެވެ. ކުރިން ބޮޑުމިނުގައި 35 ހެކްޓަރު ހުންނަ ތުލުސްދޫގައި އަލަށް ހިއްކެވި 33 ހެކްޓަރުގެ ބިމާއެކު މިހާރުގެ ބޮޑު މިނަކީ، 68 ހެކްޓަރެވެ.

މިއާއެކު އެ ބިން އެކަށީގެންވާ ގޮތުގައި ބޭނުންކުރެއްވުމަށާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް ބޮޑު ހިލަޖަހައި ރަނގަޅު ފެންވަރުގެ އެއްގަމުތޮއްޓެއްލައި މިހާރު މިވަނީ ނިންމަވާފައެވެ. އެއްތިރީސް ޕޮއިންޓް ދޭއް މިލިއަން ރުފިޔާއަށް އެމް.ޓީ ހޯގާރޑާ ޙަވާލުކުރެއްވި މަސަކަތް އެއްކޮށް ނިންމާލާފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް، އަޙްމަދު އަނީސް ވިދާޅުވީ، އެރަށުގެ ހިއްކި ސަރަޙައްދުގެ ލޭންޑު ޔޫސް ޕްލޭނަށް ކައުންސިލުގެ މަޝްވަރާއާއެކު، ގެންނަވަން ބޭނުންވި ބައެއް ބަދަލުތައް ގެންނަވާފައިވާކަމަށެވެ.

" އަޅުގަނޑުމެން މިހާރު މި ގަސްތުކުރަނީ ދިރިއުޅެން ގޯތި ދޭން. އެކަމުގެ ހުއްދައަށް މިހާރުވާނީ މިނިސްޓްރީގައި އެދިފައި. ހުއްދަ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނަން." ތުލުސްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާބާދީގައި 1460 މީހުން ދިރިއުޅޭ ތުލުސްދޫގައި މީހުން ދިރިއުޅެނީ 240 ގޭގައެވެ.

ގޯތި ދޫކުރުމުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި އިޖްތިމާޢީ ބައެއް ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ބިން ކަނޑައަޅާފައިވާ ކަމަށާއި، ފަތުރުވެރިކަމަށް ޚާއްޞަ ދެ ސަރަޙައްދެއް އަލަށް ހިއްކި ބިމުގައި ހިމާނުއްވާފައިވާކަމަށްވެސް ތުލުސްދޫ ކައުންސިލުން ވިދާޅުވެއެވެ.