ކުޅިވަރު

ފުރަތަމަ ބިލިއާޑް އެވޯޑް ނައިޓް މާދަމާ ރޭ


ކޮންމެ ކުޅިވަރެއްވެސް ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމަކީ ކުޅުންތެރިން ކުޅިވަރުގައި ކުރިއަށްދާން ލިބޭނެ ބޮޑު ހިތްވަރެކެވެ. ކާމިޔާބީ ހޯދަން ލިބޭނެ ބޮޑު ބާރެކެވެ. ރާއްޖޭގެ ބައެއް އެސޯސިއޭޝަންތަކުން އަހަރުގެ އެވޯޑް ނައިޓްތައް ބާއްވަމުން އަންނަނީ ނިމިގެންދާ އަހަރުގެ ކާމިޔާބީތައް ފާހަގަކޮށް އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ހޮވުމަށެވެ. އެވޯޑް ނައިޓަކަށް މިހާރު ތައްޔާރުވަމުންދާ އެސޯސިއޭޝަނަކީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އެވެ.

2016ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމާއި، ޚާއްސަ ކަންތައްތަކަށް އެވޯޑް ދިނުމަށް ޚާއްސަ އެވޯޑް ނައިޓެއް މި މަހުގެ 24ވަނަ ދުވަހު ބާއްވަން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މި އެވޯޑް ނައިޓްގައި އަހަރުގެ އެންމެ މޮޅު ޕޫލް ކުޅުންތެރިޔާ ހޮވުންވެސް އޮންނާނެއެވެ.

އެމްޕީބީއޭގެ ޖެނެރަލް ސެކެޓްރީ އަބްދުﷲ ބިޝާރު ވިދާޅުވީ 2016 އެވޯޑް ނައިޓެއް ބާއްވަން ނިންމި މައިގަނޑު ސަބަބަކީ އަހަރުގެ ގައުމީ މުބާރާތްތައްކަމަށްވާ، ގައުމީ 8 ބޯލް، ގައުމީ 9 ބޯލް އަދި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތްތަށް ގާތްގާތުގައި ބާއްވަން ޖެހުމުގެ ސަބަބުން ކޮންމެ މުބާރާތެއްގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ފަނޑުކޮށް ބާއްވަން ޖެހުމެވެ. އަދި ކޮންމެ އަހަރަކުވެސް އެސޯސިއޭޝަނަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންދާތީ އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވަން ނީންމީކަމުގައިވެސް ބިޝާރު ފާހަގަކުރިއެވެ.

"ގާތްގާތުގައި ގައުމީ މުބާރާތްތައް ބާއްވަން ޖެހުމުން އަސްލު ޕްލޭންކުރި ކަމެއް މި އެވޯޑް ނައިޓަކީ، ހުރިހާ މުބާރާތެއްގެ އިނާމްދިނުން ކުޑަކޮށް ބާއްވާފައި ބޮޑު ޚަފްލާއެއް އަހަރު ނިންމާލާފައި ބާއްވަން، ވަރަށް ސަޕްރައިޒަސް އެބަހުރި އެވޯޑް ނައިޓުގައި" ބިޝާރު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14850707403029.jpg|2016 އަހަރު ކުރިއަށްދިޔަ ބިލިއާޑް މުބާރާތެއްގެ ތެރެއިން / ފޮޓޯ : އެމްޕީބީއޭ

އެމްޕީބީއޭގެ އެވޯޑް ނައިޓުގައި ގައުމީ 8 ބޯލް، ގައުމީ 9 ބޯލް އަދި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ގައުމީ ޓީމްގައި ހިމެނޭ ކުޅުންތެރިންވެސް އިއުލާންކުރުން މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

އެވޯޑް ނައިޓްގެ އެންމެ ޚާއްސަ އެވޯޑަކަށް ވެގެންދާނީ ލައިފް ޓައިމް އެޗީވްމަންޓްގެ އެވޯޑެވެ. މި އެވޯޑް ބިލިއާޑަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކޮށްދީފައިވާ ޚާއްސަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު، މި އެވޯޑް ހަފްލާގައި އިތުރު ޚާއްސަ އެވޯޑެއްވެސް ދެވިގެންދާނެއެވެ. އެ އެވޯޑަކީ ސިއްރެއްކަމަށާއި، އެއީޚަފްލާގެ އެންމެ ގިނަ ބަޔަކު ހައިރާންވާނެ އެވޯޑެއްކަމަށް އެމްޕީބީއޭއިން ހާމަކުރެއެވެ.