ކުޅިވަރު

މޮޅު ނުވެވުނީ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން - ގާޑިއޯލާ


ގިނަފުރުސަތުތަކެއް ލިބި މެޗުތަކުން މޮޅުނުވެވުމުން ރެފްރީންގެ ބަހަނާ ދައްކަން ބޭނުންނުވާކަމަށް މެންޗެސްޓާރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާއި މެންޗެސްޓާރ ސިޓީ ވާދަކުރި މެޗް ނިމުނީ 2-2 ން ދެ ޓީމް އެއްވަރުވެގެންނެވެ. 

ޓޮޓެންހަމް އަތުން ސިޓީއަށް މޮޅުނުވެވުނު މެޗަށްފަހު ގާޑިއޯލާ ބުނީ، މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް މެޗުން މޮޅު ނުވެވުމުން މާޔޫސްވެއްޖެކަމަށެވެ. ސިޓީން ދެ ލަނޑުޖަހާފައި އޮއްވާ ޓޮޓެންހަމުން ފަހަތުން އަރާ އެއްވަރުކުރުމުން ދޭހަވަނީ ޓޮޓެންހަމްގެ ފެންވަރުކަމަށާއި، ޕްރިމިއަރ ލީގުގެ މެޗުތަކުގައި އެންމެ ފަހުވަގުތާއި ހަމައަށް ސަމާލު ނުވެއްޖެނަމަ ލަނޑެއް ލިބުން ގާތްކަމަށެވެ. 

"ބައިވަރު ފުރުސަތުތަކެއް ޓީމުން ތަނަވަސްކުރި، މޮޅު ނުވެވޭ މެޗުތަކަށް ބަލާލާއިރު އަބަދުވެސް އަހަރުމެން މޮޅަށް ކުޅެނީ، ގޯލްތައް ނުޖެހެނީ މޮޅުވާ ވަރަށް" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ރެފްރީންގެ ނިންމުންތަކާއި މެދު އޭނާ ވާހަކަދައްކަން ބޭނުންނުވާކަމަށާއި، ބައެއް ކޯޗުން މެޗުން މޮޅުނުވެވުނީ ރެފްރީއޭ ކިޔައިގެން ބަހަނާ ދެއްކިޔަސް އޭނާގެ އެކަހަލަ ވިސްނުމެއް ނެތްކަމަށް ގާޑިއޯލާ ބުންޏެވެ. 

ރޭގެ މެޗަށްފަހު ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން މެންޗެސްޓާރ ސިޓީ މޮޅުވާން ހައްގުކަމަށާއި، މޮޅަށް ކުޅުނީ ސިޓީކަމަށެވެ. ފަހަތުން އަރާ އެއްވަރުކޮށް ހޯދުނު ޕޮއިންޓާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ. 

ރޭގެ މެޗުގައި ސިޓީއަށް ފުރަތަމަ ދެގޯލް ޖަހައިދިނީ ލެރޯއީ ސާނޭ އަދި ކެވިން ޑި ބްރޫނާއެވެ. ޓޮޓެންހަމުން މެޗުގެ ނަތީޖާހަމަހަމަކުރީ ޑެލެ އަލި އަދި ސަން ހިއުން މިންގެ ދެ ގޯލާއިއެކުގައެވެ.