ތަރައްްޤީ

އައްޑޫ ހިތަދޫ ކެމްޕަހުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފި


ޤައުމީ ޔުނިވަރސިޓީގެ އައްޑޫ ހިތަދޫ ކެމްޕަހުގައި، އޮފީހާއި ދަރިވަރުންގެ ޚިދުމަތަށް ޚާއްޞަ ކުރައްވާފައިވާ ޢިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ. އައު ޢިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފެވެ.

ޤައުމީ ޔުނިވަރސިޓީގެ 4 ކެމްޕަހެއް އަތޮޅުތެރޭގައި ހުރެއެވެ. ޔުނިވަރސިޓީގެ ދެކުނުގެ ކެމްޕަސް ހުންނަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މި ކެމްޕަހުގައި 600 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމާއި ތަމްރީނު ހާޞިލްކުރަމުން ގެންދެއެވެ. ހިތަދޫ ކެމްޕަހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ވަނީ މި ކެމްޕަހުގައި 2 ބުރީގެ އޮފީހަކާއި ދަރިވަރުންގެ ޚިދުމަތަށް ޚާއްޞަ ކުރައްވާފައިވާ ބްލޮކެއް ޢިމާރާތް ކުރުމަށް ނިންމަވާފައެވެ. މިކަމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވަނީ ސޮއިކުރައްވާފައެވެ. ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރާ މި ބްލޮކްގެ ބިންގާ އަޅުއްވާދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން ޗާންސެލަރ ވިދާޅުވީ، އައްޑޫސިޓީ އަކީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް އަމާޒުކުރައްވާފައިވާ އަތޮޅެއްކަމުން ތަރައްޤީއާ އެއްވަރަށް ރައްޔިތުން ތަޢުލީމުގެ ގޮތުންވެސް ކުރިއަރަންޖެހޭ ކަމަށެވެ. އެހެންކަމުން ހިތަދޫ ކެމްޕަހުގައި ވަޞީލަތްތައް އިތުރުވާންޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޗާންސެލަރ ޑރ.ލަޠީފް ވިދާޅުވިއެވެ.

ހިތަދޫ ކެމްޕަހުގެ މެނޭޖަރ އާމިނަތު ޒާހިރާ ވިދާޅުވީ، ކެމްޕަހުގެ ތަރައްޤީ ގުޅިފައިވަނީ، ދަރިވަރުންގެ ތަޢުލީމާއި ކުރިއެރުމަށް ކަމަށެވެ. އެހެންކަމުން ކެމްޕަހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އައު ޢިމާރާތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހިތަދޫ ކެމްޕަހުގައި އަލަށް ޢިމާރާތްކުރާ ޢިމާރާތަކީ މިހާރުވެސް މި ކެމްޕަހުގައި ހުރި ޢިމާރާތުގެ މިރާރ އިމޭޖެކެވެ. 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.