ޚަބަރު

ކޮރަޕްޝަނުގެ ޢަމަލެއް ހިނގައިފިނަމަ، ފިޔަވަޅު އަޅާނެ - އަޒްލީން


މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުވަތަ ކުންފުންޏެއްގެ ވެރިއަކަށް ވިއަސް ކޮރަޕްޝަނާއި ވައްކަމުގެ ޢަމަލެއް ހިންގުމަށްފަހު ޝަރީއަތާއި ކުރިމަތިނުލާ ފިލާ ނުތިއްބެވޭނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މ އަތޮޅުގެ 3 ރަށެއްގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޙަފްލާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚިޔާނަތާއި ވައްކަމަކީ އާދައިގެ ކަމެއްކަމަށް ދެއްކެވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14850087085221.jpg|ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން، ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީންގެ ބަޔާނަށް ރައްދުދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި އެކަމަކަށް އެމީހަކު ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި ކަމެއް ތަޙުޤީޤު ކުރައްވަން އެއްވެސް މުއައްސަސާއަކަށް އޭސީސީން ވަންނަން ބޭނުންވެއްޖެނަމަ ވަގުތުން އެކަން ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވަނީ ހަމައެކަނި ރައީސް ޔާމީންގެ ސަރުކާރުގައިކަން ފާހަގަކުރައްވާ މިނިސްޓަރ އަޒްލީންވަނީ އިދިކޮޅު އެމްޑީޕީއަށް ރައްދުދެއްވާފައެވެ.

"ދިވެހި ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް އެވަނީ ވަރަށް ބޮޑަށް ހުޅުވާލައްވާފައި. މީ ސިޔާސީ ގޮތުން މާޔޫސްވެފައިވާ ބަޔަކު އިތުރަށް ކުރިއަށްދާނެ ގޮތެއް ނެތިގެން ސަރުކާރުގެ ތެރޭގައި ކުރެވޭ ބޮޑެތި ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގާތީ އަސަރުކޮށްގެން ދައްކާ ވާހަކައެއް." ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުން ފުނަދޫ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވީ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ވާހަކަތައް ޙަޤީޤަތް އޮޅޭގޮތަށް އެމްޑީޕީން ދައްކަމުން ދަނީ އެމީހުން ދައްކާ ވާހަކަތައް އަޑު އަހާނެ، އެމީހުންނާ ބައިވެރިވާނެ ރައްޔިތަކު ނެތުމުން ކަމަށެވެ.

"އެމްޑީޕީއަށް އެބަ އެގޭ މިހާރު މުޒާހަރާއަށް ގޮވީމަ ނުކުންނާނެ މިހާކު ނުވާކަން ހަރުގެ އަށް ކީމަ އަންނާނެ މީހަކު ނުވާކަން. ތިމަންމެން ނުވާނެއޭ ބުނާ ހުރިހާކަމެއް ރައީސް ޔާމީން ރައްޔިތުންނަށްޓަކައި އެބަ ކުރައްވާކަން. ރާއްޖޭގެ ބޭރުގެ މީހުންވެސް ހައިރާންވާ ވަރުގެ ބޮޑެތި ތަރައްޤީގެ ބޮޑެތި މަޝްރޫތައް އެބަ ހިންގަވާކަން،" ފުނަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.