ޚަބަރު

ރައީސް ޔާމީން، ޑޮނާލްޑް ޓްރަމްޕަށް މަރުޙަބާ ވިދާޅުވެއްޖެ


އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައި، އެމަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމެރިކާގެ 45 ވަނަ ރައީސަށް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރަސީގެ ހަރުދަނާކަން ކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ ހަގީގީ ޑިމޮކްރެސީއަކުން ދައްކުވައިދިން މުހިންމު މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައިވެސް، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ‏‎.