ޓުއަރިޒަމް

މަޓްކާ ނޯޑިކް ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރތަކުގެތެރޭގައި ހިމެނޭ މަޓްކާ ނޯޑިކްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފިންލޭންޑްގައި ބާއްވާ މިފެއަރގައި މަޓާޓޯއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 9 ކުންފުންޔަކުން ބައިވެރިވެފައިވެއެވެ.

މަޓާޓޯއިން ބުނީ އެ އެސޯސިއޭޝަނާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި، ގެސްޓު ހައުސްތަކާއި، ޓްރެވަލް އެޖެންޓުން މި ފެއަރގައި ބައިވެރިވެފައިވާ ކަމަށެވެ.

މި ފެއަރގައި ކުރާ މަސައްކަތްތަކުން ޔޫރަޕްގެ އުތުރުގެ ސަރަޙައްދުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް އެހީތެރިވެދޭނެއެވެ. މަޓާޓޯއިން މިއަހަރުގެތެރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ 10 ފެއަރއެއްގައި ބައިވެރިވުމަށް ނިންމާފައިވެއެވެ. އެގޮތުން ދެން އެންމެ އަވަހަށް މަޓާޓޯއިން ބައިވެރިވާނީ އަންނަ މަހު އިންޑިއާގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރއެއްގައެވެ.