ތަރައްްޤީ

"ހިޔާވަހި" ފްލެޓްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފި


ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 402 ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފިއެވެ.

މި ފްލެޓްތައް 26 މަސްދުވަސްތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދެވެ.

402 އެޕާރޓްމެންޓް ހިމެނޭ، "ހިޔާވަހި ހައުސިންގ" އަކީ 14 ބުރީގެ 3 ޓަވަރުގެ މައްޗަށް އެކުލެވޭ އެޕާރޓްމެންޓް ކޮމްޕްލެކްސްއެކެވެ.

މީގެ ތެރޭގައި 1 ކޮޓަރި އިން ފެށިގެން 4 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭކަމަށް އެޗްޑީސީ އިން ވިދާޅުވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހިޔާވަހި ހައުސިންގ އިން އެޕާރޓްމެންޓްތައް ވިއްކުމުގައި ބޮޑަށް ބައްލަވާނީ، ބޭންކްތައް މެދުވެރިކޮށް، އިންޑް-ޔޫޒަރ ފައިނޭސިންގ އުސޫލުން ވިއްކުމަށް ކަމަށެވެ. އަދި މި ފްލެޓްތައް ގަންނަ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއްވެސް ކަނޑައެޅިގެންދާނެކަން ސައިމަން ވިދާޅުވިއެވެ.

"މި ހައުސިންޔުނިޓްތައް ތަރައްޤީ ކުރުމުގެ މަޤްޞަދަކީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް މިހާރު އޯޕަން މާރކެޓްގައި ހައުސިންގ ޔުނިޓްތައް ހުރި އަގަށްވުރެ ކުޑަކޮށް ފަސޭހަކޮށް ލުއިގޮތަކަށް ހައުސިން ޔުނިޓްތައް ސަޕްލައި ކޮށްދިނުން." ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، މި ހައުސިން ޔުނިޓްތައް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މެދުގައި ބަހާނެ އުސޫލެއް އެކުލަވާލާނީ ހައުސިން މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހުގައިކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ފަސް މަހެއްގެ ތެރޭގައި ފްލެޓްގެ އަގުތަކާއި، ފްލެޓް ދޫކުރާނެ އުސޫލް އާންމުކުރައްވާނެކަމަށް ސައިމަން ވިދާޅުވިއެވެ.

"އެލޮކޭޓް ކުރުމުގައި ސަރުކާރާ ވާހަކަ ދައްކައިގެން، ވަކި ސެކްޓަރ ތަކަށް އެލޮކޭޓް ކުރުމުގައި، ހައުސިންގ ނީޑް އޮޮތް ކުންފުނިތައް ބަލާނެ. ހައުސިންގ މިނިސްޓްރީއާއެކު މި މަޝްވަރާތައް ކުރިއަށްގެންދާނަން." ސައިމަން ވިދާޅުވިއެވެ.

26 މަސްދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމާގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫޢުއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބަޖެޓުންނެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 647 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.