ތަރައްްޤީ

"ބްރިޖްގެ ޓޯލް ނިޒާމުގެ ޑިޒައިނިންގ 4 މަސްތެރޭގައި ނިމެނޭ"


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ތަނަކަށް ހެއްދެވުމުގެ ގޮތުން ބްރިޖްގެ ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ނިންމަވާ، ޓޯލް ސްޓޭޝަންތަކެއް ބެއްހެއްޓެވުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިންގ މިނިސްޓްރީން ވަނީ ފަށްޓަވާފައެވެ.

ބްރިޖްގައި ޤާޢިމުކުރާ ޓޯލް ނިޒާމަކީ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގަންޖެހޭ ފީ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޤާޢިމުކުރާ ނިޒާމެކެވެ. އިލެކްޓްރޯނިކް ޓޯލް ނިޒާމެއް ޤާޢިމުކުރުމުން ބްރިޖްގައި ދަތުރުކުރާ ވެހިކަލްތަކުން ދައްކަންޖެހޭ ފީ ކަނޑާނީ އޮޓެމެޓިކް ނިޒާމެއްގެ ތެރެއިންނެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގައި ބަހައްޓާ ޓޯލް ނިޒާމުގެ ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަތަރުމަސް ތެރޭގައި ނިމޭނެ ކަމަށާއި، މި އަހަރު ތެރޭގައި ޓޯލް ނިޒާމަށް ބޭނުންވާ ސާމާނު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި ބްރިޖްގެ މައި ޑެކް ހަދާ ނިމެންވާއިރަށް ޓޯލް ނިޒާމް ޤާއިމްކުރެއްވުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމޭނެކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"ޓޯލް ނިޒާމް ހަރުކުރުމުގެ ކުރިން ވެހިކަލްތަކަށް ބޭނުންވާ ޑިވައިސް އެބަޖެހޭ ވެހިކަލް ދުއްވާ ފަރާތްތަކަށް ލިބޭނެގޮތް ހަދަން. ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ފުރިހަމަ ކުރެވިގެންދާނެ. ބްރިޖް ނިމެންވާއިރަށް ކާރާއި، ސައިކަލާ، ޓްރަކް ދުއްވާ ފަރާތްތަކަށް އޮޓޮމެޓިކް ޓޯލް ނިޒާމްގެ ބޭނުން ހިފޭ ގޮތަށް ހުރިހާ ކަމެއް މަގުފަހި ކޮށްދޭނަން." މިނިސްޓަރ ވިދާޅުވިއެވެ. 

ޓޯލް ނިޒާމްގެ ޑިޒައިން ކުރުމާއި ޤާއިމްކުރުމަށް ހަވާލުކުރައްވާފައިވަނީ، ބްރިޖްގެ މަޝްރޫޢުވެސް ކުރިއަށްގެންދާ ޗައިނާގެ ސީސީސީސީގެ ކޮންސަލްޓެންސީ ކުންފުންޏާއެވެ. ޓޯލް ނިޒާމް ޤާޢިމްކުރައްވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެފަދަ ނިޒާމްތައް ޤާއިމްކުރައްވާފައިވާ ފެންވަރަށްކަމަށް ހައުސިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޓްރެފިކް މަޑުނުކޮށް ކުރިއަށް ދެވޭ ގޮތަށް، އޮޓޮމެޓިކް އިލެކްޓްރޯނިކް ޓޯލް ނިޒާމެއް ޤާއިމްކުރަނީ. މިކަހަލަ ނިޒާމްތައް އެހެން ޤައުމުތަކުންވެސް ފެނޭ. ވެހިކަލް ތަކުގައި ބެހެއްޓިފައި ހުންނަ ޑިވައިސްއަކުން އޮޓޮމެޓިކަލީ ފީ ކެނޑިގެންދާނީ. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދަތުރުކުރާ ހުރިހާ އުޅަނދަކުންވެސް ޓޯލް ފީއެއް ނަންގަވާނެކަމަށެވެ. އަދި ނަގާ ފީއަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެވަރުގެ ފީއަކަށް ހައްދަވާނެ ކަމަށާއި ތަފާތު ވެހިކަލްތަކުން ނަގާ ފީގެ އަގު ތަފާތުވާނެ ކަމަށެވެ. އެހެންނަމަވެސް ފީގެ ގޮތުގައި ނަންގަވާނީ ކިހާވަރެއްކަމެއް އަދި ކަނޑައަޅުއްވާފައިނުވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖްގެ މަޝްރޫޢަކީ ރައީސް ޔާމީންގެ އެންމެ މުޙިއްމު ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެއް ވަޢުދެވެ. މި މަޝްރޫޢު ނިމެންވާއިރަށް ބްރިޖްގެ ބޭނުން ހިފުމަށްޓަކައި ނިންމަން ޖެހޭ ކަންކަން ނިންމުމަށް ހައުސިންގ މިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ބްރިޖްގެ މަޝްރޫޢުގެ މަސައްކަތުގައި ބްރިޖްގައި ޖަހަންޖެހޭ މައިގަނޑު 5 ތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ފައުންޑޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބްރިޖްގެ ފައުންޑޭޝަން މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ.