ކުޅިވަރު

ޓީމްތައް ވަރުގަދަ ކުރިޔަސް ޓީސީ ބަލިކުރަން ފަސޭހަ ނުވާނެ


2017 ވަނައަހަރުގެ ފުޓްބޯޅަ ސީޒަނަށް ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ތައްޔާރީތައް ފަށާފައިވާއިރު، ކޮންމެ ޓީމެއްވެސް ފެނިގެންދަނީ މިދިޔަ ސީޒަނާއި އަޅާ ބަލާއިރު ވަރަށް ވަރުގަދަކޮށެވެ. ބޮޑެތި ޓީމްތައް ކިޔަންމެ ވަރުގަދަވިޔަސް ޓީސީން ބުނަނީ އެޓީމަކީ ބަލިކުރަން ފަސޭހަވާނެ ޓީމެއް ނޫންކަމަށެވެ.

މިދިޔަ އަހަރާއި ޚިލާފަށް މިއަހަރުގެ ސީޒަނަށް ބޮޑެތި ޚަރަދުތަކެއް ކްލަބްތަކުން ކުރަމުންދާއިރު، އަހަރުގެ ފުޓްބޯޅަ ސީޒަން ފޯރިގަދަވާނެކަމަށްވަނީ މިހާރުވެސް ބެލެވިފައެވެ. ބައެއް ޓީމްތަކުން އަހަރުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރަން އަމާޒު ހިފާފައިވާއިރު، އަނެއް ބައި ޓީމްތަކުން ބުނަނީ އެއްވެސް ދުލެއް ދިނުމެއް ނެތްކަމަށެވެ. ގިނަ ކްލަބްތަކުން އެޓީމްތައް ކިތަންމެ ވަރުގަދަ ކުރިޔަސް ކުރިއަށް އޮތް ސީޒަންގައި ޓީސީއަކީ އެއްވެސް ޓީމަކަށް ބަލިކުރަން ފަސޭހަވާނެ ޓީމެއް ނޫންކަމަށް އެކްލަބުންވަނީ ބުނެފައެވެ.

އާ ސީޒަނަށް ތައްޔާރުވާން ޓީސީ ޕްރެކްޓިސް އިއްޔެ ފަށާފައިވާއިރު ކޯޗް މުޙައްމަދު ނިޒާމްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފުޓްބޯޅައިގެ ވާދަވެރި ކްލަބްތަކުން މިދިޔަ ދެ ތިން އަހަރުގެ ހަނދާންތައް ނައްތާލައި އާ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދިޔުމެވެ. އެހެންނަމަވެސް އެޓީމްތައް ކިތަންމެ ވަރުގަދަ ކުރިއަސް ޓީސީ ބަލިކުރަން ފަސޭހަނުވާނެކަމަށާއި، އެއްވެސް ޓީމެއް ދެކެ ބިރު ނުގަންނަކަމަށް ނިޒާމްބެ ބުންޏެވެ. އޭނާ ބުނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ޓީމްތަކާއި ގުޅުނަސް އަދި އެއީ އޭނާ ކަންބޮޑުވާކަމެއް ނޫންކަމަށާއި، ސަބަބަކީ އެކަހަލަ ކިތަންމެ މޮޅު ނަންތަކެއް ދަނޑުމަތީގައި ފެއިލްވެފައިވުމެވެ.

"ވަރަށް އުފާވޭ ބޮޑެތި ކްލަބްތަކުން ކުޅުންތެރިންނަށް ޚަރަދުކުރާތަން ފެނުނީމަ، އެކަމަކު މެއިން ދިލަނަގައިގެންގޮސް ބިރުގަންނަ ވަރުގެ އެއްވެސް ޓީމެއް ނެތް، ހުރިހާ ޓީމްތަކަށްވެސް ބުނެލަން އޮތީ ހަމަޔަގީނުންވެސް ޓީސީ ނުވާނެޔޭ ބަލިކުރަން ފަސޭހަ ޓީމަކަށް" ނިޒާމް ހުރީ އިތުބާރާއެކުގައެވެ.

މިދިޔަ އަހަރު ޓީސީއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އެކްލަބް ދޫކޮށް ދިޔަ ކުޅުންތެރިންނަކީ އަލީ ފާސީރު، އަހުމަދު އަބްދުﷲ އަދި އިބްރާހިމް ރިޒްވާނެވެ. އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ނޭޕާލްގެ ކީޕަރ ކިރަން ޝެމްޝޮން، އައްޑޫ ސިޓީގެ ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ އަދި ނިއުއަށް ކުޅުނު މުޙައްމަދު ސާމިރެވެ. މީގެ އިތުރުން ކުރިން ވިކްޓްރީއަށް ކުޅުނު ފައުޒާން ހަބީބާއި ޒުވާން އާ ކުޅުންތެރިންތަކެއްވަނީ ޓީސީއާއި ގުޅިފައެވެ. 

ކޯޗް ނިޒާމް ބުނީ ޓީމަށް އަލަށް ގުޅުނު ކުޅުންތެރިންނާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއްދޭނީ ފޯވާޑް އިބްރާހިމް މަހުދީއަށްކަމަށެވެ. އޭނާއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން މިހާރު ރާއްޖޭގެ އެންމެނަށް އިނގޭނެކަމަށާއި، ބޮޑު ސީޒަނެއްގައި ހިފަހައްޓާލަން ބޭނުންނަމަ އޭނާ ގިނަ ކަންތައްތަކެއް ހިފަހައްޓަން ޖެހޭކަމަށެވެ. އެގޮތުން ކުޅިވަރުގެ އަޚްލާގާއި، ޓީމާއި ގުޅުންހުރި އެހެންނިހެން ކަންކަމުގައި ރަނގަޅަށް އުޅެފިނަމަ އޭނާއަށް މި ސީޒަންގައި ތަފާތު ދެއްކޭނެކަމަށް ނިޒާމް ބުންޏެވެ.

މިހާރު ޓީމާއެކު ފަރިތަކުރަމުންދާ ނޭޕާލްގެ ކީޕަރުގެ އިތުރުން އިތުރު ބިދޭސީ ކުޅުންތެރިންވެސް ޓީމާއި ގުޅޭނެއެވެ. މިދިޔަ އަހަރު ޑިފެންސަށްކުޅުނު ކުޑޫސް ކެލާނީ ދޫކޮށްލުމަށްފަހު މިހާރު ޓީސީން އަންނަނީ ރަނގަޅު ބިދޭސީ ޑިފެންޑަރެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. މޮޅު ޑިފެންޑަރަކާއި އެޓޭކިންގ ލައިން ވަރުގަދަކުރާނެ ބިދޭސީ ކުޅުންތެރިއެއްވެސް ޓީމާއި ގުޅޭނެކަމަށް ޓީސީން މައުލޫމާތުދެއެވެ.

ކޯޗުންގެ ވާހަކަތަކަށް ބަލާލާއިރު، އެއްވެސް ބަޔަކު ހުސްއަތާ ސީޒަން ނިންމާލަން ބޭނުން ނުވެއެވެ. އަދި ބައެއް ޓީމްތަކުން ސީޒަންގެ ހުރިހާ ތައްޓަކަށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ދޫދޭކަށްވެސް ބޭނުންނުވެއެވެ. ވާދަވެރިންގެ ވާހަކަތައްވެސް ފެނިގެންދަނީ އެހާމެ ވާދަވެރިކޮށެވެ. ހުރިހާކަމަކުންވެސް ޔާގީންވާ އެއްކަމަކީ މި އަހަރަކީ ފުޓްބޯޅައިގެ ފޯރި މިދިޔަ އަހަރަށްވުރެ އިތުރުވާނެ އަހަރެއްކަމެވެ. ސަޕޯޓަރުން ބަލާހިތްވާކަހަލަ ކަންތައްތަކެއްވެސް ފެނިގެންދާނެކަމުގެ އުއްމީދުތައް ބޮޑެވެ.