މުނިފޫހިފިލުވުން

އޭބީޔޫ ޑާންސް ފެސްޓިވަލްގައި ރާއްޖޭގެ އައިޓަމް ހުށަހަޅައިފި


އިންޑިޔާގެ ހައިދަރުއާބާދުގައި ކުރިއަށްދިޔަ އޭބީޔޫ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ ދިވެހި ފަންނާނުންގެ އައިޓަމް އެ ފެސްޓިވަލްގައި ހުށަހަޅައިފިއެވެ.

އިންޑިޔާގެ ހައިދަރުއާބާދުގައި ކުރިއަށްގެންދިޔަ ފުރަތަމަ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އެއް ޤައުމު އަނެއް ޤައުމުގެ މެދުގައި ހުރި ތަފާތުތަކާއި ޤައުމުތަކުގެ އާދަކާދާއާއި ސަޤާފީ ކަންކަން އެއް ޤަޢުމު އަނެއް ޤައުމަށް އަންގައިދީ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.

އޭބީޔޫގައި ޑާންސް ފެސްޓިވަލްގައި ރާއްޖޭގެ 6 ފަންނާނުން ހިމެނޭ ޓީމުން ވަނީ އައިޓަމެއް ހުށަހަޅާފައެވެ. ދިވެހި ފަންނާނުންގެ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި އާދަކާދައާއި ޘަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އައިޓަމެކެވެ.

ބޮޑުބެރުގެ ފޯރިގަދަ ޙަރަކާތްތައް ދައްކުވައިދިން މި އައިޓަމްގައި ދިވެހި ފަންނާނުން ހުށަހަޅައިދިން އައިޓަމުން ދިވެހިންގެ ވައްޓަފާޅި ވަނީ ދައްކުވައިދީފައެވެ.

img:http://s1.psmnews.mv/images/660x400/14844902276706.jpg|އޭބީޔޫ ޑާންސް ފެސްޓިވަލްގައި ޕީއެސްއެމްގެ ފަރާތުން ބައިވެރިވި ޓީމް ލަވަ ހުށަހަޅައިދެނީ / ފޮޓޯ: ޕީއެސްއެމް

މިފެސްޓިވަލްގައި ދިވެހި ފަންނާނުން ބައިވެރިވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުންނެވެ. މިފެސްޓިވަލްގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަންނާނުން ބައިވެރިވެ އެޤައުމުތަކުން ހުށަހެޅުންތައް ވަނީ ހުށަހަޅާފައެވެ. ރާއްޖެ ހިމެނޭގޮތަށް މިފެސްޓިވަލްގައި 9 ޤަޢުމަކުން އައިޓަމްތައް ވަނީ ހުށަހަޅައިދީފައެވެ. މީގެތެރޭގައި އިންޑިޔާ، އަފްޣާނިސްތާން، އަޒަރްބައިޖާން، ފިޖީ، ފިލިޕީންސް، އުޒްބެކިސްތާން، އިންޑޮނޭޝިއާ، މެލޭޝިޔާ ހިމެނެއެވެ. މިޤަޢުމުތަކުންވެސް ހުށަހަޅާފައިވަނީ އެޤައުމުތަކުގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތަކެކެވެ.

އޭބީޔޫ އިން ދަނީ ޑާންސާއި ލަވަކިޔުން ފަދަ އައިޓަމްތައް ހުށަހަޅައިދޭ ފެސްޓިވަލްތައް ބާއްވަމުންނެވެ.