ރިޕޯޓް

ޙާލުގައި ޖެހުނު ސްރީލަންކާ 4 މީހުން އެޤައުމާ ޙަވާލުކޮށްފި


ޙާލުގައި ޖެހިގެން ހޯދަމުން ދަނިކޮށް ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން ފެނުނު ސްރީލަންކާ މަސްބޯޓުގައި ތިބި 4 މީހުން ސަލާމަތްކޮށް، ސްރީލަންކާ ސަރުކާރާ ޙަވާލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު ސްރީލަންކާގެ މަސްބޯޓް ހޯދާފައިވަނީ އެޤައުމުގެ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖޭގެ ކޯސްޓްގާޑުންނެވެ. މިކަމަށްޓަކައި ކޯސްޓްގާޑުންވަނީ 8 ދުވަހުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ.

img:http://s4.psmnews.mv/images/660x400/14843799096553.jpg|ޙާލުގައި ޖެހުނު ސްރީލަންކާ މީހަކު ރާއްޖޭގެ ކޯސްޓްގާޑުގައި މާލެ ގެންނަނީ - ފޮޓޯ: ޕީއެސްއެމް

މި އޮޕަރޭޝަނުގައި، 4 ފަޅުވެރިންނާއެކު އެ މަސްބޯޓް ހޯދާފައިވަނީ މިމަހުގެ ބާރަވަނަ ދުވަހުއެވެ. ބޯޓު ފެނުނީ ހދ.މަކުނުދޫގެ ހުޅަނގުން ސަތޭކަ ފަސްދޮޅަސް ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށެވެ. ބޯޓްގައިތިބި 4 މީހުން ރޭ މާލެގެނެސް ރާއްޖޭގެ ކޯސްޓްގާޑުން ވަނީ ސްރީލަންކާ ސަރުކާރާ އެމީހުން ޙަވާލުކުރައްވާފައެވެ.  މިމީހުން ސްރީލަންކާ ސަރުކާރާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ސްރީލަންކާގެ އެމްބެސެޑަރު މޭޖަރ ޖެނެރަލް،ރިޓާޔަޑް އަސޯކާ ތޯރަދެނިޔާ ވިދާޅުވީ، މިމީހުން ދިރިތިއްބާ ސަލާމަތް ވުމަކީ ، ސްރީލަންކާ ސަރުކާރަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީހުން ސަލާމަތް ކުރުމަށް ރާއްޖޭގެ ކޯސްޓްގާޑުން ކުރެއްވި މަސައްކަތަށްޓަކައި، ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށާއި، ކޯސްޓްގާޑަށް ސްރީލަންކާ ސަރުކާރުގެ ނަމުގައި އޭނާ ޝުކުރު އަދާކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14843801917840.jpg|ޙާލުގައި ޖެހުނުމީހުން ސްރީލަންކާ ސަރުކާރާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ޕީއެސްއެމް

ސަލާމަތްވި ސްރީލަންކާގެ މަސްވެރިން ބުނީ، ކޯސްޓްގާޑުން އެމީހުންނާމެދެ ހަމްދަރްދީވެ، ވަރަށް ރަނގަޅަށް ހުރިހައި ކަމެއްކުރި ކަމަށެވެ. އެހެން ކަމުން އެމީހުން ސަލާމަތް ކުރި ކޯސްޓްގާޑުގެ ކެޕްޓަނާއި،ހުރިހައި ފަޅުވެރިންނަށް އެމީހުންވަނީ ޝުކުރު އަދާކޮށްފައެވެ. ބައެއް މީހުން ބުނީ ، ދިރިތިބޭނޭކަމުގެ އުންމީދު ގެއްލިފައި ތިއްބާ ރާއްޖޭގެ ކޯސްޓްގާޑުން އެމީހުން ސަލާމަތް ކުރުމުން ވަރަށް އުފާވިކަމަށެވެ. މިހާރު އެމީހުން ތިބީ އާއިލާއާއި ބައްދަލުކުރެވޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ.

img:http://s2.psmnews.mv/images/660x400/14843797281986.jpg|ޙާލުގައި ޖެހުނު ސްރީލަންކާ މީހަކު ސްރީލަންކާގެ އެމްބެސެޑަރާ ބައްދަލުކުރަނީ - ފޮޓޯ: ޕީއެސްއެމް

އެމީހުން ދަތުރު ކުރި ބޯޓް ރޭ މާލެ ގެނެސް ޙަވާލުކޮށްފައިވަނީ ސްރީލަންކާ އެމްބަސީއާއެވެ. މިމީހުން ސްރީލަންކާއަށް ފޮނުވުމަށް ސްރީލަންކާ އެމްބަސީން ދަނީ މަސައްކަތް ކުރަމުންނެވެ.