ޚަބަރު

ރަޒީން މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށްޓަވައިފި


ސްރީލަންކާގެ ކޮލަމްބޯގައި މަރާލާފައި އޮއްވާ ފެނުނު ހ. ހަންޑްރެޑް ފްލާވަރ ޙުސައިން ރަޒީން މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓްގައި ފަށްޓަވައިފިއެވެ.  

މި މައްސަލާގައި ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ ރ ކަނދޮޅުދޫ ފީރޯޒުގެ އިބްރާހިމް އަބްދުއްރަޙްމާންގެ މައްޗަށެވެ. މީނާގެ މައްޗަށް ދައުލަތުން ކުރައްވާ ދައުވާގައި ވަނީ އެނާ ހ. ފީރޯޒްހިޔާ ބިލާލު މުހައްމަދު އަހުމަދާއި ބައްދަލުކޮށް ހުސެއިން ރަޒީން މަރާލުމަށް ރާވާ އެކަން ކުރުމަށް ފައިސާ ދީފައިވާ ކަމަށެވެ. އަދި ރަޒީން މަރާލާފައި އޮއްވާ ފެންނަ ފޮޓޯތަކެއް ފޮނުވުމުން ބިލާލަށް އިތުރު ފައިސާ އިބްރާހިމް ޢަބްދުއްރަޙްމާން ފޮނުވާފައިވާ ކަމަށްވެސް ދައުލަތުގެ ދަޢުވާގައިވެއެވެ.

ރ ކަނދޮޅުދޫ ފީރޯޒުގެ އިބްރާހިމް އަބްދުއްރަޙްމާންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ އެނގިހުރެ މަރެއް ފޮރުވުމާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރުމަށް 15 ދުވަހުގެ ފުރުޞަތު ދަޢުވާ ލިބޭ އިބްރާހިމް އަބްދުއްރަޙްމާނަށް ދެއްވުމަށްފަހުގައެވެ.

ހ. ހަންޑްރެޑް ފްލާވަރ ހުސެއިން ރަޒީނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމަށްފަހު ކޮލަމްބޯގެ ދެކުނު އޮންނަ އަވަށެއްގެ ދަނޑުވެރިކަންކުރާ ސަރަޙައްދަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެނާ މަރާލިކަމަށް ތުހުމަތުކުރެވޭ ހ. ފީރޯޒްހިޔާ ބިލާލު މުޙައްމަދު އަޙްމަދު ހުރީ ލަންކާގައި ހައްޔަރުކޮށްފައެވެ.