ރިޕޯޓް

"އިންތިޚާބު ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބަކަށް ވާނެ"


ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމަވާ އިންތިޚާބަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިހާރު މިވަނީ ހުޅުވާލައްވާފައި އަދި އިންތިޚާބުގައި ވާދަކުރުމަށް ކުރިން ހުށަހެޅި ހުރިހާ ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާޠިލްކުރައްވާފައެވެ. 

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލަން ނިންމީ 2008ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤާނޫނެއްގެ ދަށުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އެރަށެއް ތަމްސީލް ކުރާ ކައުންސިލެއް އޮންނަންޖެހޭނެ ކަމަށާއި އެ ކައުންސިލަށް ރައްޔިޔުންގެ މަންދޫބުންތަކެއް އިންތިޚާބު ކުރަންޖެހޭނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އިންތިޚާބު ކުރާ ކައުންސިލަރުންގެ ދައުރަކީ 3 އަހަރު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރަށްރަށުގެ ކައުންސިލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ހަމަވާއިރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކައުންސިލް އިންތިޚާބު ބޭއްވެވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ސިވލް ކޯޓުން ކުރެއްވި ޙުކުމަކާ ގުޅިގެން ކައުންސިލް އިންތިޚާބު ކުރިން ބޭއްވުމަށް ހަމަޖެއްސެވި ތާރީޚަށް ބަދަލު ގެންނަވާ އަލުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވާފައެވެ.

ޕާޓީތަކުނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ކުރިން ހުށައެޅި ފޯމްތައް ބާޠިލްކުރައްވާ އަލުން އިންތިޚާބުގައި ވާދަކުރެއްވުމަށް ހުޅުވާލެއްވުމުން ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ އިންތިޚާބުގެ ސައްޙަކަމާއި މެދު ސުވާލު އުފައްދަމުންނެވެ.

ކުރިން ހުށައެޅި ފޯމްތައް ބާޠިލުކުރުމަކީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށް ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވުމަށްފަހު އަދާލަތު ޕާޓީންވަނީ ކައުންސިލް އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރ އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިޚާބް ފަސްކުރީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެންގެވުމުގެ މަތީން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓުން ކުރެއްވި ޙުކުމްގައި ޕާޓީތަކުގެ ކަންބޮޑުވުން އޮތުމުން އެ ޙުކުމްގައި ސާފުނުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލައެއް ހުށަހެޅުއްވި ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ހުރިހާ އިއުލާނެއް ބާތިލް ކުރެއްވީ ހައިކޯޓަށް އެ ކޮމިޝަނުން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމުން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފައްދަވަމުން ދާތީ އެ މައްސަލާގައި އަކްރަމް ވިދާޅުވީ އިންތިޚާބުގެ އިންސާފުވެރިކަމާ މެދު އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް ނުދެއްވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ބޭނުންވަނީ ލޯކަލް ކައުންސިލް އިންތިޚާބަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދެފުށް ފެންނަ އިންސާފުވެރި ފެއަރ އެންޑް ފްރީ އިލެކްޝަނަކަށް ވާނެކަން،" އަކްރަމް ވިދާޅުވިއެވެ.

ކޮމިޝަންގެ ނިންމުމަށް އިދިކޮޅު އެމްޑޕީއާއި އަދާލަތުން ފާޑިކިޔާފައިވާއިރު ސަރުކާރު ހިނގާ މައި ޕާޓީ ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމެވުމަށް ތާޢީދުކުރައްވާފައެވެ.

ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް ޢަބްދު ﷲ ޚަލީލް ވިދާޅުވީ ކޯޓުތަކުން ކުރައްވާ ޙުކުމްތަކަށް ޕީޕީއެމްއިން އަބަދުވެސް ތަބާވާނެ ކަމަށެވެ. އަދި ޤާނޫނުގެ ބާރު ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އެޕާޓީން ކުރާނެކަމަށްވެސް ޕީޕީއެމުން ބުނެއެވެ.  

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން އިއުލާން ކުރެއްވިއިރު އިންތިޚާބުގައި ވާދަކުރެއްވުމަށް 900އަށް ވުރެ ގިނަ ފަރާތްތަކުން ކުރިންވަނީ ފޯމް ހުށަހަޅުއްވާފައެވެ.