ޚަބަރު

ކޯސްޓްގާޑުގެ ފްލީޓަށް ދުވެލި ބާރު 5 އުޅަނދެއް އިތުރުކުރައްވައިފި


ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ވަރުގަދަކުރެއްވުމަށް، އެމްއެންޑީއެފްގެ ފްލީޓަށް އިތުރުކުރެއްވި 5 އުޅަނދު ރަސްމީގޮތުން ބޭނުންކުރައްވަން ފަށްޓަވައިފިއެވެ.

މި އުޅަނދުތައް ރަސްމީގޮތުން ބޭނުންކުރައްވަން ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މި ފަސް އުޅަނދަށް ނަން ދީފައިވަނީ ރާއްޖޭގައި ކުރިން ޤާއިމްކުރައްވާފައިވާ ހަވަރު ނުވަތަ، ހަ ބާރުގެ ނަމުންނެވެ. އެނަންތަކަކީ، ދަހަރާ، ހަކުރާ، ފާމުލަދޭރި، ވެލާނާ، މާފަތް އަދި ދޮށިމޭނާއެވެ.

މި އުޅަނދުތައް ރަސްމީގޮތުން ބޭނުންކުރައްވަން ފެށްޓެވުމުގެ ރަސްމިއްޔާތު އޮތީ އިއްޒުއްދީން ފާލަމުގައެވެ.

މި އުޅަނދުތަކަކީ ބަންޑުންޖެހުނު ނަމަވެސް އަމިއްލައަށް ފުށުން ޖެހުމުގެ ޤާބިލްކަން ލިބިފައިވާ އަދި މިސައިލް ހަރުކުރެވޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އަދި މިއީ ވަޒަން ނާރާގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދުތަކެކެވެ.

ގަޑިއަކު 47 މޭލު ބާރު މިނުގައި ދުއްވުމުގެ ޤާބިލުކަން ލިބިފައިވާ މި ފަސް އުޅަނދަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބާރަށް ދުވާ ފަސް އުޅަނދުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޖުމްލަ 129 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ރާއްޖެ ގެނެސްފައި މިވާ ފަސް އުޅަނދަކީ ކަނޑުމަތީގެ ޚާއްސަ އޮޕަރޭޝަންތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތަކެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް ނެރުއްވި، މި އުޅަނދުތަކަކީ ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ބަނދެފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތައް އުފެއްދެވުމުގެ އެއްބަސްވުމުގައި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.