ޚަބަރު

ޗައިނާ ދަތުރުން އިތުރު ފުރުޞަތުތަކެއް ލިބިގެންދިޔަ - ޑރ. އާސިމް


ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ތަޢުލީމީ އަދި ތަރައްޤީގެ ރޮނގުން އިތުރު ފުރުޞަތުތަކެއް ލިބިގެންދިޔަ ކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޗައިނާ ދަތުރުފުޅާއި ގުޅޭގޮތުން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވީ މިނިސްޓަރުކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެޤައުމުގެ ނައިބު ރައީސާއި ޚާރިޖީ ވަޒީރާއެކު ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވިގެން ދިޔަކަމަށެވެ. އެގޮތުން އެ ބައްދަލުވުންތަކުގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތައް ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރައްވާފައިވާ ކަމަށް މިނިސްޓަރ އާސިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14840325226570.jpg| ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް (ކ) ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

"އިޤްތިޞާދީ ތަރައްޤީގައި ރާއްޖެ މިއޮތީ ވަރަށް ގިނަ ދާއިރާތަކަށް އިންވެސްޓް ކުރުމަށް ހުޅުވާލެވިފަ. އެހެންވީމަ އެ ދާއިރާތަކުން ޗައިނާގެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އިންވެސްޓް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދިޔަ،" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާގައި ކިޔަވާދޭ ދެ ޔުނިވަރސިޓީއަކަށް ވަޑައިގެން އެތަންތަނުގެ އިސްވެރިންނާއި ކިޔަވާ ކުދިންނާއި ބައްދަލުކުރައްވާ ރާއްޖޭގައި ހުރި ފުރުޞަތުތަކާއި ރާއްޖޭގެ ތަރައްޤީއާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިނިސްޓަރ އާސިމް ވަނީ ޗައިނާގެ ބެއިޖިން ފޮރިން ޔުނިވަރސިޓީއާ ޑާލިއަން މެޑިކަލް ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ޑާލިއަން މެޑިކަލް ޔުނިވަރސިޓީން ވަނީ ރާއްޖެ ދެ ސްކޮލަރޝިޕްގެ ފުރުޞަތު ވެސް ދެއްވާފައެވެ. މި ޔުނިވަރސިޓީ އަކީ ޗައިނާގައި ދިވެހިން އެންމެ ގިނައިން ތަޢްލީމް ޙާސިލްކުރާ އެއް ޔުނިވަރސިޓީއެވެ. މިހާރުވެސް 45 ދިވެހިން އެ ޔުނިވަރސިޓީގައި އަންނަނީ ތަޢުލީމް ޙާސިލް ކުރަމުންނެވެ.

"މިހާރުވެސް 45 ކުދިން އަންނަނީ މި ޔުނިވަރސިޓީގައި ތަޢުލީމް ޙާސިލް ކުރަމުން. މި ލިބުން ދެ ސްކޮލަރޝިޕަކީ މާސްޓަރސް އަދި ޕީއެޗްޑީގެ ސްކޮލަރޝިޕެއް،" ފޮރިން  މިނިސްޓަރ ވިދާޅުވިއެވެ. ފޮރިން މިނިސްޓަރ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާގެ އެގްޒިމް ބޭންކްގެ ރައީސާވެސް ބައްދަލުކުރައްވާފައެވެ.