ސިޔާސީ

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާ އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލައްވައިފިއެވެ.

އެ ކޮމިޝަނުން އިންތިޚާބް ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިމަހުގެ 14ވަނަ ދުވަހުއެވެ. ނަމަވެސް ކައުންސިލް އިންތިޚާބް ބާއްވާ ތާރީޚަށް އެ ކޮމިޝަނުން ބަދަލު ގެންނަވާފައި މިވަނީ ސިވިލް ކޯޓުން އިލެކްޝަންސްގެ މައްޗަށް މިދިޔަ މަހުގެ ތެރޭގައި ކުރެއްވި ޙުކުމަކާއި ގުޅިގެންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހު އެ ކޯޓުން އިލެކްޝަންސްގެ މައްޗަށް ކުރެއްވި ޙުކުމްގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ އިންތިޙާބުގައި ވާދަކުރައްވާ ފަރުދުންނަށް އިންތިޙާބީ ހައްޤުގައި ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް މަގުފަހިވެގެންދާނެކަމަށެވެ. އެހެންކަމުން  ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޙަށް ބަދަލު ގެންނަވަންޖެހޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ޙުކުމް ކުރެއްވުމުން އެ މައްސަލަ އިސްތިއުނާފް ކުރެއްވުމަށް އިލެކްޝަނުން ހައިކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ހައިކޯޓަށް އިލެކްޝަނުން ހުށަހެޅުއްވި ނަމަވެސް  އެ ކޮމިޝަނުން ފަހުން ވަނީ އެ މައްސަލަ އަނބުރާ ނަންގަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަނުން އިންތިޚާބުގެ ކަންކަން ނިންމަވަމުން ގެންދަވަނީ ޤައުމީ ލަފާދޭ ކޮމެޓީގެ ލަފާގެ މަތިންކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޙާބު ދެން ބާއްވާނީ އަންނަ އޭޕްރިލްމަހުގެ އަށްވަނަދުވަހުކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރައްވާފައިވާއިރު އެ އިންތިޙާބުގައި ވާދަކުރުމަށް  ކުރިން ހުށައެޅި ފޯމްތައްވެސް ކޮމިޝަނުން ވަނީ ބާތިލުކުރައްވާފައެވެ.

ބާ ޖަމާލުއްދީނުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާފައިވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ހުޅުވާލި ފުރުޞަތުގައި ނުވަސަތޭކައަށް ވުރެ ގިނަ ފަރާތަކުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ޕީޕީއެމް ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތައްވެސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސލް އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަލުން ޢިއުލާން ކުރުމާ ގުޅިގެން އެ އިންތިޚާބާ ގުޅޭގޮތުން އެކޮމިޝަނުން މީގެކުރިން ކުރެއްވި ހުރިހާ އިއުލާނެއް ބާތިލްވެގެންދާނެކަމަށެވެ.

"އަލުން އޮބްޒާވަރުންނަށްވެސް އަދި މޮނީޓަރުންނަށްވެސް އަޅުގަނޑުމެން މި ހުޅުވާލަނީ ފޯމް ހުށަހެޅުމަށް. އެކަމަކު ކުރިން ފޯމު ހުށަހަޅުއްވާފައި ތިއްބެވި ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލެއް ނުވާނެ،" އަކްރަމް ވިދާޅުވިއެވެ.



އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް ބާއްވާނެ ތާރީޚެއް އިޢުލާން ކުރައްވާފަވާއިރު، އަލުން ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިޞްލާޙަށް ރިޢާޔަތް ކުރައްވަންޖެހެއެވެ. އެ އިޞްލާޙަކީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެންނަވާފައިވާ އިޞްލާޙެވެ. މި އިޞްލާޙް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަސްދީޤް ކުރައްވާފައިވާއިރު މި އިޞްލާޙާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުވެސް އިޞްލާޙް ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިން ފޯމް ހުށަހެޅި ފަރާތްތަކުންވެސް އަލުން ފޯމް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ފޯމް ހުށަހެޅުމުގައި ވަރަށް ބޮޑެތި ލުއިތަކެއް ދެއްވުމަށް ހަމަޖައްސަވާދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބޭފުޅުން ހުށަހެޅުއްވި އެޕްލިކޭޝަން ފޯމާއި އެކު ހުރި ހުރިހާ ލިޔެކިއުމެއް އަޅުގަނޑުމެން އެބޭފުޅުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނަން." އަޙްމަދު އަލީ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޙާބު އަންނަ އޭޕްރިލްމަހުގެ 8 ވަނަދުވަހު ބާއްވާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާނެއެވެ. އެހެންމަވެސް އާ ކައުންސިލަރުން ހުވާކުރައްވަންދެން މިހާރު ތިއްބެވި ކައުންސިލަރުން އެ މަޤާމުގައި ދެމިތިއްބަވާނެކަމަށް ސިވިލްކޯޓުން ކުރެއްވި ޙުކުމްގައިވެއެވެ.