ތަޢުލީމު

ތިނަދޫ ކެމްޕަސް - ދަތުރުކުރުމުގެ ދަތިކަން ކުރިމަތިވެފައި


ދެހާސް ތިންވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކެމްޕަހެއްގެ ގޮތުގައި އުފެދުނު ތިނަދޫ ކެމްޕަހުގައި ފުރަތަމަ ފެށްޓެވި 2 ކޯހަކީ އެޑްވާންސް ސެޓްފިކެޓް އިން ޕްރައިމަރީ ޓީޗިންގއާއި އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގއެވެ. އެހެންނަމަވެސް މިހާރު ތަފާތު 24 ކޯހެއް ހިންގަވަމުން ގެންދަވާއިރު، އެ ކެމްޕަހުގައި އެކި ރަށްރަށުގެ 421 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ. އެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ 70 އިންސައްތައަކީ ރަށްރަށުގެ ދަރިވަރުންނެވެ.

ތިނަދޫ ކެމްޕަހުން ކުރިއަށްގެންދަވާ ގިނަ ކޯސްތަކަކީ ވަޒީފާގައި ތިބެގެން ކިޔެވޭ ގޮތަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ ކޯސްތަކެއްކަމަށް އެ ކެމްޕަހުގެ މެނޭޖަރ މުޙައްމަދު ޝަމީމު އާދަމް ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމެއް ނެތުމުން މިގޮތަށް ކިޔަވާ ދަރިވަރުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާކަމަށް ޝަމީމު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ކައުންސިލާވެސް މަޝްވަރާކުރައްވާފައިވާކަމަށް ޝަމީމު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ އެރަށަށް ދަތުރުފަތުރުގެ ޚިދުމަތް ދެނީ ޢާއްމު ފަރާތްތަކުންކަމަށާއި ރަނގަޅު ހުށަހެޅުމަކާއެކު، އިތުރު ފަރާތަކުން ކުރިމަތިލައިފިނަމަ އެފަރާތަކަށް އެފުރުސަތު ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ތިނަދޫ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކުގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ޓީޗިންގ ކޯސްތަކާއި ނާރސިން ކޯސްތަކަށްކަމަށް އެ ކެމްޕަހުން ވިދާޅުވެއެވެ. މިގޮތުން އެ ސަރަޙައްދުގެ ހޮސްޕިޓަލާއި، ސިއްޚީ މަރުކަޒުތަކާއި ސްކޫލުތަކަށް ބަލާއިރު، އެތަންތަނުގައި ކެމްޕަހުން ކޯސް ފުރިހަމަކުރި ދަރިވަރުން ޚިދުމަތްދޭން ތިބިކަން ފާހަގަކޮށްލެވެއެވެ.

އެ ކެމްޕަހުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ކޯސްތައް އެ ސަރަޙައްދުގައި އިތުރުކުރެއްވުމެވެ. މިގޮތުން މި ފެށުނު އަހަރު ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ކޯސްތަކެއް ފަށްޓަވާނެ ކަމަށް ކެމްޕަހުގެ މޭނޭޖަރ ވިދާޅުވިއެވެ. އަދި މި އަހަރު އިތުރު ދަނާލެއް ހެއްދެވުމަށް ރާއްވަވާފައިވާ ކަމަށް ތިނަދޫ ކެމްޕަހުން ވިދާޅުވެއެވެ.