ކުޅިވަރު

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ޚާއްސަ މެހްމާނަކީ ޔޯކް


މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް ގެންނަން ނިންމައިފިއެވެ. 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯޅަ ޑޮޓްކޮމް ގުޅިގެން މުޅިން އަލަށް ދޭން ނިންމާފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ޚަފްލާ އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. 

އެވޯޑް ޚަފްލާގެ ޚާއްސަ މެހްމާނެއްގެ ގޮތުން ގެންނަން ނިންމާފައިވާ ޑްވައިޓް ޔޯކްއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބްތަކަށް ކުރިން ކުޅެފައިވާ މަޝްހޫރު ފޯވާޑެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރުގައެވެ. 1998-2002 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ޔޯކްވަނީ އެޓީމާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕެއްވެސް އުފުލާލާފައެވެ. ޓްރިނާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައިވާ ފޯވާޑްވަނީ ޕްރިމިއަރ ލީގުގެ އެސްޓަންވިލާ، ސަންޑަލެންޑް، ބާމިންޚަމް ސިޓީގެ އިތުރުން ބްލެކްބާން ރޯވާސްއަށްވެސް ކުޅެދީފައެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި މި އަހަރު ހަތަރު އެވޯޑެއް ދިނުމަށްވަނީ ނިންމާފައެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާގެ އަސަދުﷲ އަބްދުﷲއާއި، ޓީސީއަށް މިދިޔަ ސީޒަންގައި 34 ލަނޑު ޖަހައިދިން އަލީ ފާސިރުގެ އިތުރުން ކްލަބް އީގަލްސްގެ އިމްރާން ނަޝީދެވެ. 

އަހަރުގެ އެންމެ މޮޅު ކޯޗަށް ވާދަކުރަނީ މާޒިޔާގެ ކޯޗް އަލީ ސުޒޭންއާއި، ޓީސީގެ މުޙައްމަދު ނިޒާމްގެ އިތުރުން ކްލަބް އީގަލްސްގެ އިހުސާން އަބްދުލްޣަނީއެވެ.

މި އެވޯޑްތަކުގެ އިތުރުން މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓާއި، އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑެވެ.