ތަރައްްޤީ

އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް- އައި.ޖީ.އެމް.އެޗްއަށް ޢުމުރާނީ ތަރައްޤީއާއި ކުރިއެރުންތައް ގެންނެވެމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން މިހާރުންވެސް ގެންދަވަނީ މަރާމާތު ކުރެއްވުމާއި، ހޮސްޕިޓަލުން ލިބެން ނެތް ޚިދުމަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ހޮސްޕިޓަލުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވައި، ބަލިމީހުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ދެންއެންމެ އަވަހަށް މަސަކަތް ފެށުމަށް ހަމަޖެހިފައިވަނީ އެމަޖެންސީ ރޫމް މަރާމާތު ކުރެއްވުމުގެ މަސައްކަތްކަމަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަން މީޑިޔަރ އަޙްމަދު މަޢުސޫމް ވިދާޅުވީ އެމަޖެންސީ ރޫމް މަރާމާތުކުރައްވައި ނިމޭއިރު، ޖާގަ އިތުރުކުރެވޭނެކަމަށެވެ. އަދި އެމަޖެންސީ ރޫމް މަރާމާތުކުރައްވައި އާމުންނަށް ހުޅުއްވާލައްވާއިރު، އެޞަރަޙައްދު ހުޅުއްވާލައްވާނީ އުޞޫލުތަކާއެކު ކޮންޓްރޯލް އެކްސެސް ޒޯނެއްގެ ގޮތުގައިކަމަށްވެސް މަޢުސޫމް ވިދާޅުވިއެވެ. އަދި ބަލިމީހުންނަށް ރަނގަޅު ވެއިޓިންގ އޭރިޔާއެއް ހައްދަވައި، އެމަޖެންސީގައި ހޮސްޕިޓަލަށް ގެނެވޭ ބަލިމީހުންނަށް އަވަސްފަރުވާ ދެއްވުމަށްޓަކައި އަވަހަށް ގެންދަންޖެހޭ ދިމަދިމާއަށް ގެންދެވުމުގެ އިންތިޒާމްވެސް އެސަރަޙައްދުގައި ޤާއިމުކުރައްވާނެކަމަށް މަޢުސޫމް ވިދާޅުވިއެވެ.

"އެމަޖެންސީ ރޫމްގައި މިހާރުވެސް ހިމެނޭ ޔެލޯ ރެޑް ޒޯންތައް މިހާރަށްވުރެ އިތުރަށް ތަނަވަސްކުރައްވައި އެނދު އިތުރުކުރައްވައި ޖާގަވެސް އިތުރުކުރައްވަން ވަނީ ހަމަޖައްސަވާފައި. އަދި ޖެނެރަލް އޯޕީޑީގެ ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި އެތަނުގައި ހުރި ރޫމްތަކުގެ އަދަދުވެސް އިތުރުކުރައްވަން ވަނީ ހަމަޖެހިފައި. މިހާރު އެމަޖެންސީރޫމްގެ އިތުރަށް އެތަނުގައި ތިބެނީ ޕޭޝެންޓް ވެއިޓިންގ އޭރިޔާއެއް، ވެއިޓިން އޭރިޔާގައި ޕޭޝަންޓުން މަޑުކޮށްލާނެތަނަކާއި ތިން ކޮޓަރިއާއި ޕްރޮސީޖަރ ރޫމެއް މި އިންނަނީ އެހެން ނަމަވެސް އެކްސްޓެންޑްކޮށްލަން ކޮރިޑޯއާއި ހަމައަށް ކުރީގެ އެންބިއުލާންސް އައިސް ވަންނަ ކޮރިޑޯއާއި ހަމައަށް އެމަޖެންސީ ރޫމް ބޮޑުވެގެންދާނެ ދެގުނަ ބޮޑުވެގެނދާނެ މިހާރަށް ވުރެ" މަޢުސޫމް ވިދާޅުވިއެވެ.

އެމަޖެންސީ ރޫމް މަރާމާތުކުރެއްވުމުގެ އިތުރުން އެކްސްރޭ ޑިޕާރޓްމެންޓް މަރާމާތުކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކްސްރޭ ރޫމް މަރާމާތުކުރެއްވުމުގެ މަސައްކަތް ނިންމާލެވޭވަރުވާނެކަމަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ވިދާޅުވެއެވެ.

"ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކްސްރޭ ޑިޕާރޓްމަންޓްވެސް އަލުން  މަރާމާތުކޮށް ރަނގަޅު ވެއިޓިންގ އޭރިޔާއަކާ އެއްކޮށް  އެކްސްރޭ ރޫމްތައް އިތުރުކޮށް ޖާގައިގެ ދަތިކަން ހައްލުކޮށް އެކްސްރޭ ޑިޕާރޓްމަންޓް މަރާމާތުކޮށް ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހުޅުވޭނަކަމަށް ލާފާކުރައްވަނީ." މަޢުސޫމް ވިދާޅުވިއެވެ.

އައިޖީއެމްއެޗަކީ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލަކަށްވުމާއެކު އެތަނުގެ ފާޚާނާތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެހޮސްޕިޓަލުން ވަނީ ފަށްޓަވާފައެވެ. އަދި ފާޚާނާތައް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.