ވިޔަފާރި

"މެރީޑިއަމްއާއެކު އެއްބަސްވުން ހަދާފައިވަނީ އުޞޫލުތަކާ ޚިލާފަށް"


މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބޭނުންވާ ތެޔޮ ގަންނަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަދާފައިވަނީ ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށްކަމަށް އެމްޕީއެލުން ބުނެފިއެވެ. 

އެމްޕީއެލުން މިހެން ބުނީ ދިވެހި ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އަގު ވައްޓާލުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަކަމަށް ބަޔާންކުރައްވައި އެކަން ހުއްޓާލުމަށް އިލްތިމާސްކޮށް އެކުންފުނިން ނެރުނު ބަޔާނުގައެވެ. އެމްޕީއެލުން ބުނީ އެކުންފުންޏަށް ބޭނުންވާ ތެޔޮ ގަންނަން ކުންފުނިތަކަށް ހުޅުވާލުމުން އެންމެ އަގުހެޔޮކޮށް އެ ކުންފުންޏަށް ތެޔޮ ވިއްކަން ހުށަހެޅީ މެރީޑިއަމް ސަރވިސުން ނޫންކަމުގައެވެ. އެމްޕީއެލުން ބުނީ، އެ ޚިދުމަތް ދިނުމަށް 5 ފަރާތަކުން އެމްޕީއެލްއަށް ހުށަހެޅިކަމަށެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކަން ހުށަހެޅި ފަރާތަކީ މެރީޑިއަމް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ހުރިހާ މަޢުލޫމާތެއް އެމްޕީއެލްގެ ލިޔެކިޔުންތަކުން ފެންނަން އެބަހުރިކަމަށް އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

އެ ޚިދުމަތް ދިނުމަށް ހުށަހެޅި ފަރާތްތަކަކީ، އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި، ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ޑީސަލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށް އެމްޕީއެލުން ބުނެއެވެ.