ޚަބަރު

ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާޞިމް ޗައިނާއަށް ވަޑައިގެންފި


ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާޞިމް، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

މިދަތުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީއާއި އެޤައުމުގެ ނާއިބު ރައީސް ލީ ޔުއާން ޗާއޯއާއި، މިނިސްޓަރ އާޞިމް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުމާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ޚާރިޖީ ވަޒީރު ޑރ. އާޞިމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިތަޤްރީރު އޮންނާނީ "ބެއިޖިންގް ފޮރިން ސްޓަޑީޒް ޔުނިވަރުސިޓީ"ގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ޚާރިޖީ ވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، މިނިސްޓަރ އާޞިމް ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގ ޔީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ގާތްގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމުގައި އެހީތެރިވެދޭ ޤައުމެކެވެ. ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ބަދަހިކުރައްވާފައެވެ. އެގޮތުން ޗައިނާއިން އަންނަނީ ރާއްޖޭގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގައި، އެފަދަ ކަންކަމަށް މާލީގޮތުންނާއި، ފަންނީގޮތުން އެހީތެރިކަން ފޯރުވައިދެމުންނެވެ.