ތިމާވެށި

ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއަށް


ހޫނު މޫސުމާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ދިމާވާ ފެނަށްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިގޮތުން ފެނަށްޖެހޭ ރަށްރަށަށް ދާއިމީ ގޮތެއްގައި ފެން ލިބޭނެފަދަ ވަޞީލަތް ޤާއިމްކޮށްދެއްވުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވެސް ވަނީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުވައިދެއްވުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ކުރައްވާ ގޮތަށް ނިންމަވާފައެވެ. މިމަސައްކަތް ކުރިން ކުރައްވަމުން ގެންދަވާފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނެވެ.

މިގޮތަށް ހަމަޖެއްސެވުމުން ރަށްރަށުގައި ބޯފެން ރައްކާކުރެވޭ މިންވަރާއި، ބޯފެން ރައްކާކުރެވޭ ވަޞީލަތްތަކުގެ ޙާލަތު ދެނެގަނެ އެފަދަ ވަޞީލަތްތައް ރަށްރަށުގައި ޤާއިމްކޮށްދެއްވުމުގެ އިތުރުން، ހޫނުމޫސުމުގައި އެކި ރަށްރަށަށް ފެންފޯރުވައިދެއްވުމުގެ މަސައްކަތްވެސް ދެން ބަލަހައްޓަވަމުން ގެންދަވާނީ އެންވަޔަރަމެންޓް މިނިސްޓްރީންނެވެ. 

img:http://s2.psmnews.mv/images/660x400/14741147424417.jpg|އާއްމުކޮށް ރާއްޖޭގެ ރަށްރަށުގައި ފެން ރައްކާކުރުމަށް ބޭނުންކުރަނީ ކަޅުހަން

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރަށްރަށަށް ފެން ފޯރުވައިދެއްވުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދަވާނީ ފެނަކަ ކޯޕަރޭޝަނާއި ގުޅިވަޑައިގެން ކަމަށެވެ. އަދި ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދެއްވުމުގެ މަސައްކަތް މިނިސްޓްރީން ބަލަހައްޓަވާ ގޮތަށް ހަމަޖެހުނު ނަމަވެސް ރަށްރަށުގައި ބޯފެން ހުރިމިންވަރު ކުރިއެކޭވެސް އެއްގޮތަށް ބަލަހައްޓަވަމުން ގެންދަވާނީ އެރަށެއްގެ ކައުންސިލުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެހެންމެ ރަށަކަށް ބޯފެން ފެން ބޭނުންވެއްޖެނަމަ އެކަން ކައުންސިލުން އަންގަވާނީ އެރަށެއްގައި ހުންނަ ފެނަކައިގެ އޮފީހަށް އަދި ފެނަކައިގެ އޮފީހެއް ނެތް ރަށެއްނަމަ ފެނަކައިގެ ހެޑް އޮފީހަށް ކަމަށްވެސް އެންވަޔަރެމެންޓް މިނިސްޓްރީ ވިދާޅުވެއެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގައި ފެންހުރި މިންވަރު ޤަވާއިދުން މޮނިޓަރކުރައްވައި ފެނަށްޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މަދުވެގެން 14 ދުވަސް ކުރިން ބޯފެނަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރުމަށްފަހު ފޮނުވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. 

މިދިޔަ އަހަރު 65 އަށްވުރެ ގިނަ ރަށަށް ސަރުކާރުން ފެން ފޯރުވައިދެއްވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ފެން، އެރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި، ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި އިތުރު 14 ރަށެއްގައި ފެންލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އަދި މިއާއެކު އޮފިޑް ފަންޑުގެ ލޯނު އެހީގެ ދަށުން އިތުރު 12 ރަށެއްގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.