ޚަބަރު

އެކި ސަބަބުތަކާހުރެ 2016ގައި 7،000 ލައިސަންސް ހިފަހައްޓާފައިވޭ


ނިމިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެކި ސަބަބުތަކާހުރެ 7,000 އަށްވުރެ ގިނަ މީހުންގެ ލައިސަންސް ވަނީ ހިފަހައްޓަވައިފިއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އެއްގޮތަކަށްވެސް ނެތި ދުއްވަނިކޮށް ހިފެހެއްޓެވި 11،000 އަށްވުރެ ގިނަ މީހުން ހިފެހެއްޓެވި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ 7،431 ލައިސެންސް ހިފަހައްޓާފައިވެއެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ ދެބައިކުޅައެއްބައި މަދު ޢަދަދެކެވެ. އެ އަހަރު ޖުމްލަ 15،404 ލައިސެންސް ވަނީ ހިފަހައްޓާފައެވެ. އެއްގޮތަކަށްވެސް ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވި، މީހުންގެ ޢަދަދަށް ބަލާއިރު، އެ ޢަދަދުވެސް ވަނީ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު ނިމިދިޔަ އަހަރު ދެބައިކުޅައެއްބަޔަށް ދަށްވެފައެވެ. އެގޮތުން، 2015 ވަނަ އަހަރު ލައިސެންސް އެއްގޮތަކަށްވެސް ނެތި އެއްގަމު އުޅަނދު ދުއްވި 21،304 މީހުން ހިފަހައްޓާފައިވާއިރު ނިމިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހާއި ހަމައަށް 11،899 މީހުން ވަނީ ހިފަހައްޓާފައެވެ.

2015 ވަނަ އަހަރު ލައިސަންސް ނުލާ ވެހިކަލް ދުއްވައިގެން 11،052 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެއެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހާއި ހަމައަށް ބަލާލާއިރު، 4،691 މީހަކު ލައިސަންސްނެތި ދުއްވައިގެން ހިފަހައްޓާފައިވެއެވެ. 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ލައިސެންސް ދޫކުރި މީހުންގެ ޢަދަދު އުޅެނީ ދާދި އެއްވަރަކަށެވެ. 2015 ވަނަ އަހަރު 10،583 މީހަކަށް ލައިސެންސް ދޫކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހާއި ހަމައަށް 10،175 މީހަކަށް ލައިސަންސް ދޫކޮށްފައިވެއެވެ.

2016 ވަނަ އަހަރު ވެހިކަލް ޓޯކުރި ޢަދަދަށް ބަލާއިރު ގިނަ އުޅަނދުތަކެއް ޓޯ ކޮށްފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހާއި 6،030 އުޅަނދު ޓޯ ކޮށްފައިވާއިރު 2015 ވަނަ އަހަރު ޖުމްލަ 2،855 އުޅަނދެއް ޓޯ ކޮށްފައިވެއެވެ. ޓޯ ކުރުމަށްފަހު ދޫކުރި އުޅަނދުގެ ޢަދަދަށް ބަލާއިރު، 2016 ވަނަ އަހަރު 5،671 އުޅަނދެއް ދޫކޮށްފައިވެއެވެ. 2015 ވަނަ އަހަރު ޓޯ ކުރި އުޅަނދުތަކުގެ ތެރެއިން 2،611 އުޅަނދު ދޫކޮށްފައިވެއެވެ. ޕާކު ކުރުމަށް ގިނަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވީ ނަމަވެސް، ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން 2016 ވަނަ އަހަރުގެ ޑިސެމްބަރ 26ގެ ނިޔަލަށް 52،048 އުޅަދެއްގައި ސްޓިކަރ ޖަހާފައިވެއެވެ. 2015 ވަނަ އަހަރަށް ބަލާއިރު 42،671 ޕާކިން ސްޓިކަރ ޖަހާފައިވެއެވެ. 2015 ވަނަ އަހަރު 34 އުޅަނދެއް ނައްތާލެވިފައިވާއިރު، ނިމިދިޔަ 2016 ވަނަ އަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 173 އުޅަނދެއް ނައްތާލާފައިވެއެވެ.