ރިޕޯޓް

"ދޫކޮށްލި ބިންތަކާމެދު ޢަމަލުކުރާނެ އުޞޫލު ޢާއްމުކުރައްވައިފި"




މާލޭގެ ބައެއް ގޯތިތައް، ވާރިސުންނަށް ބެހުމުން، ލިބިފައިވާ ކުޑަ ޖާގައިގައި ދިރިއުޅުން ދަތިވެ، އެފަދަ ކުދި ބިންކޮޅު ދޫކޮށްލާގޮތަށް ޝަރުޠުކޮށްގެން ބަދަލުގައި ސަރުކާރުން ގޯތި ނުވަތަ ފްލެޓް ލިބިނު ފަރާތްތަކުން ދޫކޮށްލާ ބިންތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ކަނޑައަޅުއްވައިފިއެވެ.

އަދި މި ޤަވާޢިދު މިހާރު ވަނީ ގެޒެޓްކުރައްވާފައެވެ.

މާލޭގައި އެކި މީހުން ދިރިއުޅެން ދީފައިވާ ގޯތިތައް، ވާރިސުންނަށް ބެހެމުން އައިސް، އެ ގޯތިތަކުން ވާރިސުންނަށް ލިބިފައިވަ ބިންކޮޅު ކުޑަވުމަކީ، މާލެއަށް ދިމާވެފައި އެންމެ ބޮޑު އެއް މައްސަލައެވެ. އަދި އެފަދަ ކުޑަތަންކޮޅެއްގައި ހަދާފައި ހުންނަ ކޮޓަރިއެއް ނުވަތަ ކުޑަ އެޕާޓްމަންޓެއްގައި އެތައް ބަޔަކު ދިރިއުޅެންޖެހުމުގެ މައްސަލައަކީ، ކުރިމަތިވެފައިވާ އިޤްތިޞާދސީ އަދި އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ސަރުކާރުން އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އަޅުއްވާފައިވެއެވެ.

އޭގެތެރޭގައި މާލެއަތޮޅުގެ ބައެއް ރަށްރަށުން މާލޭ މީހުންނަށް ގޯތި ދޫކުރެއްވުމާއި މާފިލާފުށްޓާއި ހައްދުންމަތިފަދަ ސަރަޙައްދުތަކުން ގޯތި ދެއްވުން ހިމެނެއެވެ. އަދި ކުރީގެ ވިލިނގިލި ނުވަތަ މިހާރުގެ ވިލިމާލެއިން ގޯތި ދޫކުރެއްވީވެސް މިބޭނުމުގައެވެ. މީގެ އިތުރަށް މަލޭގައި ހިންގެވި ފްލެޓް ޢިމާރާތްތަކުގެ މަޝްރޫޢަކީވެސް މީގެތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. މިކަމަށް ޙައްލެއް ގެނަންނެވުމަށް ހިންގަވާ އެންމެ ބޮޑު ދެމަޝްރޫޢަކީ ހުޅުމާލޭ ފުރަތަމަ އަދި ދެވަނަ ފިވަވައްސާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢެވެ.  

މި މަޝްރޫޢުތަކުން ފްލެޓް ނުވަތަ ގޯތި ލިބުނު މީހުންނަށް އެތަންތަން ދޫކުރައްވާފައިވަނީ، އެމީހަކަށް ވަރުތަވެފައިވާ ނުވަތަ ޢާއިލާއިން ބަހަފައި ލިބުނު ކުޑަ ބޮންކޮޅު ދައުލަތަށް ދޫކޮށްލުމުންނެވެ. އެހެންނަމަވެސް މިފަދަ ކުދި ބިންކޮޅުތަކާމެދު ޢަމަލުކުރައްވާނެ ނުވަތަ ބޭނުންކުރައްވާނެ ޤަވާޢިދެއް މީގެ ކުރިން ޢާންމުކުރައްވައި ތަންފީޒުކުރައްވަމުން ގެންދަވާފައެއް ނުވެއެވެ.  

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފަރާސްޓްރަކްޗަރއިން ޢާންމުކުރެއްވި ޤަވާޢިދުގައި މިފަދަ ބިންތައް ބޭނުންކުރާނެ މައިގަނޑު ދެގޮތެއް ވަނީ ބަޔާން ކުރައްވާފައެއެވެ. އެއްގޮތަކީ، މާލެއަށް އަދި މާލޭގައި ދަތިކޮށް އުޅޭ މިހުންނަށް އެންމެފަހިވާނެ ގޮތަކަށް ވިއްކާލުމެވެ. އަނެއް ގޮތަކީ އިޖްތިމާޢީ މުހިންމު ބޭނުމަކަށް ނުވަތަ ދައުލަތުގެ މުހިންމު އެހެންކަމަކަށް އެ ބިންކޮޅު ބޭނުންކުރެއްވުމެވެ. މީގެތެރެއިން ބޮންކޮޅެއް ވިއްކަވަން ހަމަޖައްސަވައިފިނަމަ، އެ ބިންކޮޅު ވިއްކެވުމުގައި އެންމެ އިސްކަން ދެއްވަން ހަމަޖައްސަވާފައިވަނީ، ބިމާ އިންވެގެން އޮތް ބިމުގެ ބެހެނިވެރިންނަށާއި، ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތީގައި ތިބި އެނޫން ބެހެނިވެރިންނަށެވެ. އެފަރާތްތަކުން ބިން ގަތުމަށް ހުށައަޅާފައި ނުވާނަމަ، އެންމެ ބޮޑު އަގެއް ހުށައަޅަފަރާތަކަށް ބީލަން އުޞޫލުން ވިއްކެވުމަށެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބުނު ހުރިހާ ބިމެއް ނުވިއްކަވާނެ ކަމަށާއި، ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި، އިޖްތިމާޢީ ބޭނުމަށް ބަހައްޓަވާ ބިންތައް ފިޔަވައި އެހެން ބިންތައްކަމަށެވެ. އަދި ވިއްކާ ބިންތަކުގެ ތަފްޞީލް ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށެވެ.

އިޖްތިމާޢީ ބޭނުމަށް ޚާއްޞަކުރައްވާ ބިންތަކަކީ، މާލޭގައި ޕާކުކުރެވޭނެ އިންތިޒާމްކުރެއްވުމާއި މޭލެ ފެހިކުރެއްވުމާއި އަދި މާލޭގެ މާޙައުލުގައި މީހުންނަށް ހިންފަސޭހަ މައިދާން ނުވަތަ މައިޒަންތަކާއި މި ނޫންވެސް މިފަދަ  މުހިންމު ބޭނުންތަކަށް ބޭނުންކުރައްވާނެ ބިންތަކެވެ.

މާލޭގައި ޖާގައިގެ ނުތަނަވަސްކަން ކުރެއްވުމާއި މޭލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށާއި އަދި އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީ ގޮތުން ދުޅަހެޔޮ މާހައުލަކަށް ހެއްދެވުމަށް ގިނަ މޝްރޫޢުތަކެއް ސަރުކާރުން ގެންދަވަނީ ހިއްގަވަމުންނެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ހުޅުމާލޭގައި އަޅުއްވާ އެތައްހާސް ފްލެޓް ބިނާކުރެއްވުމުގެ މަޝްރޫޢުތަކެވެ.