ޚަބަރު

12 ފޫޓުގެ ކިނބުލެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި


ކޮޅުމަޑުލު ވިލުފުށީގައި ގެންގުޅުނު 12 ފޫޓުގެ ކިނބުލެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި ވިލުފުށީގައި އޮތް ކިނބުލެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެރަށު ކައުންސިލުން އެދިގެންނެވެ. 

މިކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކައުންސިލުން އެދިވަޑައިގަތީ، ކިނބޫ އާދަޔާ ޚިލާފަށް ބޮޑުވެފައި އޭގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

ވިލުފުށި ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި މިކިނބުލަކީ 2011 ވަނަ އަހަރު އެރަށު މޫދުން ހިފުމަށްފަހު ވިލުފުށި ކައިރީގައި އޮންނަ ހޮނޑާލިފުށި ކިޔާ ފަޅުރަށެއްގައި ބަޔަކު ގެންގުޅެމުންދިޔަ ކިނބުލެކެވެ. މިކިނބޫ ފަހުން ގެންގުޅެފައިވަނީ ވިލުފުށީގައިކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.