ތަރައްްޤީ

ހުޅުމާލޭ ފްލެޓްތަކުގައި ފެބްރުއަރީމަހު މީހުން ދިރިއުޅެން ފަށާނެ


ހުޅުމާލޭގައި ސަރުކާރުން ޢިމާރާތް ކުރައްވާފައިވާ 704 ފްލެޓްގައި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، މީހުން ދިރިއުޅެން ފަށާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެެއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި މިހާރު ޢިމާރާތްކުރައްވާފައިވާ 704 ފްލެޓަށް އެދި ފޯމް ހުށަހަޅުއްވާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން މި ފެށޭ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެތެރޭގައި ކަނޑައެޅޭނެކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދަވަނީ، ފައިނަލް މަސައްކަތްތައް ކަމަށާއި، ފެބުރުއަރީމަހު އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިންސްޕެކްޝަން މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދޭ. ފެބުރުއަރީ މަސް ނިމެންވާއިރަށް، މީހުންނަށް ވަދެވޭ ވަރަށް ތައްޔާރުވެފައި ހުންނާނީ، މިހާރު ކުރިއަށްދަނީ ފައިނަލް އިންސްޕެކްޝަން މަސައްކަތްތައް." މިނިސްޓަރ ވިދާޅުވިއެވެ. 

މި ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން ފަނަރަ ހާސް ހަސަތޭކައަށްވުރެ ގިނަ މީހުން ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވެއެވެ. މި މީހުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރެއްވުމަށް ޓީމުތައް ގޭގެއަށް ފޮނުއްވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށްޓަވާފައިވަނީ، މި އަހަރުގެ ތެރޭގައެވެ. މިނިސްޓަރ ވިދާޅުވީ، މި ބުރުގައި ފްލެޓް ލިބޭނީ އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ 704 މީހުންނަށް ކަމަށެވެ. 

"އެންމެ ގިނަ ޕޮއިންޓް ލިބޭ 704 މީހަކު މި ހޮވަނީ. އެހެންވީމަ ވަރަށް ގިނަ ބަޔަކު މިބުރުގަ ނުހޮވިދާނެ. ސަރުކާރުން މިވަނީ ފަނަރަހާސް ހައުސިން ޔުނިޓްގެ މަޝްރޫއެއްވެސް ފަށާފައި. އުންމީދަނީ އެ މަޝްރޫޢުގެ ތެރެއިން ބާކީ ހުރި ފަރާތްތަކަށް ފްލެޓް ހަމަޖެހިގެން ދިޔުން ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ. 

ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯއްދަވައިދެއްވުމެވެ. މި އަމާޒަށް ވާޞިލްވެވަޑައިގަތުމަށް މަލެއާއި އަތޮޅުތެރޭގައިވެސް ހައުސިންގ މަޝްރޫޢުތައް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ.