ތަރައްްޤީ

ތިނަދޫ މިއުޒިއަމް ޕާރކް ޖެނުއަރީމަހު ނިންމާލެވޭނެ- މިނިސްޓަރ


ގދ. ތިނަދޫގައި ސަރުކާރުން ތަރައްޤީކުރައްވާ މިއުޒިއަމް ޕާރކްގެ ހުރިހާ މަސައްކަތެއް އަންނަ ޖެނުއަރީމަހު ނިންމަވާލެއްވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއުޒިއަމް ޕާރކުގައި ހައްދަވާ ޕާރކްގެ މަސައްކަތް މި ޑިސެމްބަރު މަހުގެ ތެރޭގައި ނިންމަވާލެއްވޭނެ ކަމަށާއި، މިއުޒިއަމްގެ މަސައްކަތް ޖެނުއަރީ މަހު ނިންމަވާލެއްވޭނެކަމަށެވެ.

"ޕާކް ރަސްމީކޮށް ހުޅުވުން އޮންނާނީ 2017 ގައި. ޕާރކްގެ މަސައްކަތް މި މަހު ނިމޭނެ. މިއުޒިއަމް ނިމޭނި ޖެނުއަރީގައި." ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ތިނަދޫގައި ޢިމާރާތްކުރައްވާ މިއުޒިއަމްގައި ހިމެނެނީ، ތިން ޢިމާރާތެވެ. އެއީ ދާރުލް އާޘާރާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއެކެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ އިންޖިނިއަރެއް ކަމަށްވާ، މުޙައްމަދު ޙަމްދާން ބާޤިރު ވިދާޅުވީ، މިއުޒިއަމްގެ އިތުރުން ސްޕްލޭޝްޕެޑަކާއި، ފައުންޓެއިން ހެދުމުގެ މަސައްކަތުގެވެސް ބޮޑުބައެއް ނިމިފައިވާކަމަށެވެ.

"ކުޑަކުދިންނަށް ކުޅެލެވޭ ގޮތަށް ޕްލޭ ފީޗާރސްތަކެއް ހިމެނޭ ފައުންޓެއިންއެއް. ފިނިޝިން މަސައްކަތް ކުރިއަށްދަނީ މިހާރު. އިމާރާތުގެވެސް ބޭރުގެ މަސައްކަތް ނިމިފައި." ބާޤިރު ވިދާޅުވިއެވެ.

މިއުޒިއަމް ޕާރކްގެ މިއުޒިއަމާއި ސްޕްލޭޝްޕްޑް އަދި ފައުންޓެއިންގެ މަސައްކަތަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ޚަރަދުވާކަމަށް އެމްޓީސީސީން ބުނެއެވެ.

މިއުޒިއަމް ޕާރކްގައި ހިމެނޭ ޕާރކްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ. ތިނަދޫ މިއުޒިއަމް ޕާރކަކީ، ތިނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ތަރައްޤީކުރައްވާ ތަނެކެވެ.