ތިމާވެށި

ރަށްރަށުގެ ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް


ހޫނު މޫސުމާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ދިމާވާ ފެނަށްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައިސް ޔާމީންގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިގޮތުން ފެނަށްޖެހޭ ރަށްރަށަށް ދާއިމީ ގޮތެއްގައި ފެން ލިބޭނެފަދަ ވަޞީލަތް ޤާއިމްކޮށްދެއްވުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވެސް ވަނީ 25 ރަށެއްގައި ތާންގީ އަދި ފެން އިސްކުރު ހަރުކުރުން ފަދަ ވަޞީލަތްތައް ޤާއިމުކޮށްދެއްވާފައެވެ.

"ބޮޑެތި ޕްރެޖެކްޓްތަކެއް އަންނަނީ ހިންގަމުން.. އެގޮތުން މިހާތަނަށް އައިއިރު 25 ރަށެއްގައި އިތުރު ކެޕޭސިޓީ އިތުރުކޮށް، އިތުރު ތާންގިތަށް ބަހައްޓައި، އިތުރު ވާރޭފެން ފުރާޅުތައް ހަދައިދީ، އަދި އިތުރު ފެން އިސްކުރުތައްވެސް ވަނީ ލައިދީ ނިންމާފައިވަނީ.. އަދި މިހާރު އެބަ ކުރިއަށްދޭ 14 ރަށެއްގެ މަސައްކަތް. އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގަ ނިމޭނެ." އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވިއެވެ. 

މިއަހަރުގެ މިހާތަނަށް އައިއިރު ފަސްދޮޅަސް ފަހަކަށްވުރެ ގިނަ ރަށްރަށަށް ސަރުކާރުން ފެން ފޯރުކޮށްދެއްވާފައިވާއިރު އަންނަ އަހަރު އިތުރު 45 ރަށެއްގައި ފެންތާންގީ ބެހެއްޓެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

" ގްރީން ކުލައިމެޓް ފަންޑުން ސަރުކާރަށް ލިބުނު އެހީގެ ދަށުން 45 ރަށެއްގަ އަންނަ އަހަރު ތާންގި ބެހެއްޓުމުގެ މަސައްކަތް ފަށްޓަވާނެ. އޮފިޑް ފަންޑުގެ ދަށުން 12 ރަށެއްގެ މަސައްކަތް ކުރަމުންދަނީ، މުޅިއަކު 96 ރަށެއްގަ ހޫނުމޫސުމުގައި ފެނަށް ޖެހުމުގެ މަސައްސަލަ ހައްލު ކުރުމައްޓަކައި މަސައްކަތް ކުރުމުގެ ޕްރޮގްރާމުތަކެއް މިހާރު ކުރަމުންދަނީ " އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވިއެވެ. 

ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ފެން، އެރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި، ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި އިތުރު 14 ރަށެއްގައި ފެންލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އަދި މިއާއެކު އޮފިޑް ފަންޑުގެ ލޯން އެހީގެ ދަށުން އިތުރު 12 ރަށެއްގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.