ޚަބަރު

ކަނޑަށްއެޅޭ ތެލުން ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތް


ކަނޑަށް އެޅޭ ތެލުގެ ސަބަބުން ކަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތްތަކެއް އިންޑިޔާ އަސްކަރިއްޔާއިން، އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.

މިއަދު އިންޑިއަން ނޭވީގެ މަނަވަރު، އައިއެންއެސް ސަމަރުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން މި ތަކެތި އެމްއެންޑީއެފާ ޙަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު، އަކިލޭޝް މިޝްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފްގެ ތަފާތު ދާއިރާތައް ތަރައްޤީއަށް ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ އަސްކަރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާގެ ވާހަކަފުޅުގައި ދެޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ދެމުން ގެންދާނެކަމުގައި ވިދާޅުވިއެވެ.

އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އޮއިލް ސްޕިލް ޑިސްޕާޝެންޓްތަކަކީ، މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ކޯސްޓްގާރޑު ގުޅިގެން ހިންގި "އެކްސަސައިޒް ދޯސްތީ" ކުރިއަށް ދިޔައިރު، ދެޤައުމުގެ ކަމާބެހޭ މަސްއޫލްވެރިން ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ތެރެއިން އިންޑިއާއިން އެމްއެންޑީއެފް ކޯސްޓްގާރޑަށް ހަދިޔާކުރުމަށް ނިންމާފައިވާ އާލާތްތަކެކެވެ.

އިންޑިއަން ނޭވީ މަނަވަރު، އައިއެންއެސް ސަމަރު ރާއްޖެ އައިސްފައި މިވަނީ މާދަމާއިން ފެށިގެން ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަވައިލަންސް އޮޕަރޭޝަންގައި ބައިވެރިވުމަށެވެ. އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގާ ނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާރޑުގެ ސިފައިންނާއި އިންޑިއާގެ ނޭވީން ޙަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.