ތަރައްްޤީ

ގދ. ތިނަދޫގައި ޢިމާރާތް ކުރައްވާފައިވާ 80 ފްލެޓްގެ ފޯމުތައް


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގެ ރައްޔިތުންނަށް ޚާއްޞަ ކުރައްވައިގެން ޢިމާރާތް ކުރައްވާފައިވާ 80 ފްލެޓަށް އެ ފޯމް ހުށަހެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރައްވައި ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މި 80 ފްލެޓަށް އެދި 650 އަށްވުރެ ގިނަ ފަރާތުން ފޯމް ހުށަހަޅާފައިވެއެވެ. ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ވިދާޅުވީ، އިވެލުއޭޓް ކުރައްވައި ނިމިފައިވާ ފޯމްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެތެރޭގައި ހުޅުއްވާލެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އަދި އެރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާއްޞަކުރައްވާފައިވާ 25 ފްލެޓަށް އެދި 250 އަށްވުރެ ގިނަ ފަރާތުން ފޯމް ހުށަހަޅާފައިވެއެވެ. މި ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. ތިނަދޫގައި ޢިމާރާތް ކުރައްވާ ނިންމަވާފައިވާ 120 ފްލެޓްގެ ތެރެއިން 15 ފްލެޓަކީ ވިއްކެވުމަށް ނިންމަވާފައިވާ ފްލެޓްތަކެވެ. ތިނަދޫގައި ހިންގަވާ ހައުސިންގ މަޝްރޫޢު ކޮންޓްރެކްޓަރަކީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގެވެ.