ތަރައްްޤީ

47 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރައްވަމުން


ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާ ގުޅުން ހުރި 47 މަޝްރޫޢެއްގެ ކޮންޓްރެކްޓަރގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިހާރު މަސައްކަތްކުރަމުން އެބަގެންދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވަނީ އެމްޓީސީސީއާއެވެ. އަދި ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ޢުމްރާނީ ތަރައްޤީގެ 66 މަޝްރޫޢެއްގެ ކޮންޓްރެކްޓް މަސައްކަތް ނިންމައި ސަރުކާރާ ޙަވާލުކޮށްފައިވެއެވެ. މިހާރުވެސް 47 މަޝްރޫޢެއްގެ ކޮންޓްރެކްޓް މަސައްކަތް ގެންދަނީ ކުރިއަށެވެ. އެމްޓީސީސީން ކޮންޓްރެކްޓް އުޞޫލުން ޙަވާލުވެފައިވާ، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ބޮޑު އިންސައްތައަކީ ބަނދަރު ހެދުމާއި، ބިންހިއްކުމުގެ މަޝްރޫޢުތަކެވެ.

ބަނދަރު ހެދުމުގެ 47 މަޝްރޫޢު ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވާފައިވާއިރު، އޭގެތެރެއިން 23 މަޝްރޫޢެއް ނިންމާފައިވެއެވެ. އަދި 14 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެއެވެ. ބިން ހިއްކުމުގެ 5 މަޝްރޫޢުގެ ތެރެއިން 3 މަޝްރޫޢު ނިންމައި 2 މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލްމަހު ނިމޭނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 19 މަޝްރޫޢުގެ ކޮންޓްރެކްޓް މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ޙަވާލު ކުރައްވާފައިވާއިރު މީގެތެރެއިން 10 މަޝްރޫއެއް ވަނީ ނިމިފައެވެ. އަދި 9 މަޝްރޫޢެއްގެ މސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، އެ ކުންފުނިން މިހާރު ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކެޕޭސިޓީ ކުންފުނީގައި އެބަހުރިކަމަށެވެ.

"މިހާރު ހުރި މަޝްރޫޢުތައް ނިންމަން ބޭނުންވާ މެޝިނަރީ އެމްޓީސީސީގައި އެބަހުރި. އެހެންނަމަވެސް އިންސާނީ ވަޞީލަތް އިތުރުކުރުމަށް ކުންފުނިން އަދިވެސް ދަނީ މަސައްކަތްކުރަމުން." އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވިއެވެ.

މިހާރު އެމްޓީސީސީން ކޮންޓްރެކްޓް އުޞޫލުން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، އެ ކުންފުނިން މިހާރުވެސް 70އަށްވުރެ ގިނަ މަޝްރޫޢުގެ ކޮންޓްރެކްޓާ ޙަވާލުވެފައިވާ ކަމަށެވެ. އަދި ކުންފުނިން މަޝްރޫޢުތަކާ ޙަވާލުވަނީ މެޝިނަރީއާއި މުވައްޒަފުންގެ ގޮތުން ހުރި ޤާބިލްކަމަށް ބެލުމަށްފަހު ކަމަށާއި، އަންނަ އެޕްރީލް މަހު އެމްޓީސީސީން ގެންނަ މަހާ-ޖައްރާފާ ލިބުމުން، ކުންފުނިން ކުރަމުން އަންނަ ބިންހިއްކުންފަދަ ކޮންޓްރެކްޓްތަކުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބޭނެކަމަށް ހުޝާމް ވިދާޅުވިއެވެ.

"އެމްޓީސީސީން ކުރިއަށް ގެންދަނީ ބަނދަރު ހެދުމާއި، ކޮނުމުގެ މަސައްކަތްތައް ގިނައީ. އެހެންކަމުން އެޕްރީލްމަހު މަހާ ޖައްރާފް އައުމުން މި މަސައްކަތް އިތުރަށް ހަލުވިވެގެންދާނެކަން ޔަޤީން" އެމްޓީސީސީ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

އެމްޓީސީސީން މިހާރު މަސަކަތްކުރާ މަޝްރޫޢުތަކުގެ ތެރޭގައި، ތިނަދޫ މިއުޒިއަމާއި، ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. އެމްޓީސީސީއަށް 36 އަހަރު ފުރިގެންދާއިރު، އެ ކުންފުނޏަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ބޮޑު ޙިއްޞާއެއް އަދާކުރާ ކޮންޓްރެކްޓް ކުންފުންޏެކެވެ.