ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖްގެ %66 މަސައްކަތް ނިމިއްޖެ- އެމްޓީސީސީ


މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކުރައްވައިފިއެވެ. 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އިންޑަސްޓްރިއަލް ވިލެޖް ނިންމުމަށްވަނީ އަމާޒުކުރައްވާފައެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ ޕްރޮޖެކްޓް މެނޭޖަރ އުމަރު ޒާހިރު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖްގައި މިހާރު ކުރިއަށްދަނީ ވިލެޖްގެ އެތެރޭގައި ހިމެނޭ މަގުތައް ހެދުމާއި، ޔޫޓިލިޓީސްގެ މަސައްކަތްތައް ކަމަށެވެ. އަދި ބޭރު ތޮށީގެ ބައެއް  މަސައްކަތްތައް ކުރިއަށްދާކަންވެސް އުމަރު ފާހަގަކުރެއްވިއެވެ.

" މިހާރު ކުރިއަށްދަނީ ބޭރުގެ ޝީޓް ޕައިލްކުރުމާއި، ކެޕިންގ ބީމް އެޅުމާއި، ކޮންކްރީޓު ބޭރު ހިލައޮށި އެޅުން، ދެން މަގުގެ މަސައްކަތާއި، ޔޫޓިލިޓީސް މަސައްކަތް. އެއީ، އިލެކްޓްރިކަލް، ވޯޓަރ ލައިން އަށް ބޭނުންވާ ޕައިޕްލައިން އަޅަމުންދަނީ." ޕްރޮޖެކްޓް މެނޭޖަރ އުމަރު ޒާހިރު ވިދާޅުވިއެވެ.

މި މަޝްރޫޢާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ، އިބްރާޙީމް ޒިޔަތު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ކުރިއަށްދަނީ، މަސައްކަތުގެ ކޮލިޓީ ވަރަށް ބޮޑަށް މެއިންޓެއިން ކުރެވިގެންކަމަށެވެ. އަދި މިހާރު ކަނޑައަޅުއްވާފައިވަ ތާރީޚްގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަޤީކަން އެބައޮތްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ، މާލެތެރޭގައި ހުރި ގަރާޖްތަކާ ވާރކްޝޮޕްތަކާއި ކެމިކަލް ގުދަންތައް ބަދަލުކުރެއްވުމަށް 6.9 ހެކްޓަރުގެ ބިން ހިއްކަވައިގެން ސަރުކާރުން ތަރައްޤީ ކުރައްވާ ތަނެކެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބިން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށްޓަކައި، ހައުސިންގ މިނިސްޓްރީން ނިންމަވާފައިވަނީ، އެތަނުގައި އިމާރާތްތައް ހެދުމަށްފަހު، ގުންދަންތައް ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރައްވާގޮތަށެވެ. އަދި މާލޭގައި ޕާރކިންގއަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި މަލްޓި ސްޓޯރީ ޕާރކިންގ ބިލްޑިންގއެއްވެސް އެޅުއްވުމަށް ނިންމަވާފައިވެއެވެ. އެހެންކަމުން މާލޭގައި ދުއްވާ ޓެކްސީތައް ޕާރކް ކުރުމަށް މި ތަނުން ޖާގަ ހަމަޖެހިގެންދާނެއެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ މަޝްރޫޢަކީ، ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.