ތަރައްްޤީ

"އައިރާ އެކްސެޕްޝަނަލް ލިވިންގ" އިފްތިތާޙްކޮށްފި


އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރާ އެޕާރޓްމެންޓް ކޮމްޕްލެކްސް، "އައިރާ އެކްސެޕްޝަނަލް ލިވިންގ" އިފްތިތާޙްކޮށްފިއެވެ. 

އައިރާ އެކްސެޕްޝަނަލް ލިވިން އަކީ، 10 ބުރީގެ ދެ ޓަވަރުގެ މައްޗަށް 94 އެޕާޓްމެންޓް ހިމެނޭ ގޮތަށް ހަދާ މިކްސް-ޔޫސް އެޕާރޓްމެންޓް ކޮމްޕްލެކްސްއެކެވެ. މިތަނުގައި 3 ކޮޓަރީގެ 45 އެޕާޓްމެންޓާއި، 2 ކޮޓަރީގެ 26 އެޕާޓްމެންޓާއި، 1 ކޮޓަރީގެ 13 އެޕާރޓްމެންޓް އަދި 10 ޕެންޓް ހައުސް ހިމެނެއެވެ. 

މިތަން ފަރުމާކޮށްފައިވަނީ، 2 ކޮޓަރީގެ އެޕާޓްމެންޓާއި، 3 ކޮޓަރީގެ އެޕާޓްމެންޓަ ތަކުގައި މެއިޑް ރޫމް ހިމެނޭގޮތަށެވެ. މި އެޕާރޓްމެންޓް ކޮމްލެކްސްއަކީ ވެސް ސްވިމިންގ ޕޫލާއި، ޕާރކިން އޭރިއާ އަދި، ކޮމާޝިއަލް ސްޕޭސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އައިރާ އެކްސެޕްޝަނަލް ލިވިން އިފްތިތާޙް ކުރުމަށް ހުޅުމާލޭގައި ހުންނަ އެންސިސްގެ ސޭލްސް އޮފީހުގައި ބޭއްވި ހަފްލާގައި މި ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން ވިޔަފާރީގެ ދާއިރާގައި ކުރިއެރުވުމަކީ ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމަށްވެސް އަމިއްލަ ކުންފުނިތަކުގެ ހިއްސާ ބޮޑުކަމަށް ވިދާޅުވިއެވެ.

އައިރާ އެކްސެޕްޝަނަލް ލިވިންއާ ބެހޭގޮތުން ވާހަކަދައްވަމުން އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހިގެން އުޅެވޭނެގޮތަށް ކަމަށެވެ. އަދި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ވަސީލަތްތަކާއެކުގައި ކަމަށެވެ.

އައިރާ އެކްސެޕްޝަނަލް ލިވިން ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ ޓެން އާކިޓެކްޗާރ ކުންފުނިންނެވެ. މި ޕްރޮޖެކްޓް 25 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޓައިމްލައިނެއްވަނީ ކަނޑައަޅާފައެވެ.

މިއީ އެ ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރާ ދެވަނަ އެޕާރޓްމެންޓް ކޮމްޕްލެކްސްއެވެ.