ތިމާވެށި

ތިމާވެއްޓާމެދު އިހުމާލުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަނީ


ރާއްޖޭގެ ތިމާވެއްޓަށް އިޙުމާލުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް މިނސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުންދީ އިޙްމާލްވާ ފަރާތަކާއި މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގަ ބެހެއްޓުމަށް  އެސްޓީއޯއިން  އެންވަޔަރަމަންޓް މިނިސްޓްރީއަށް ހަދިޔާކުރެއްވި ޑަސްބިންތަކެއް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރ ޠާރިޤް ވިދާޅުވީ އެސް.ޓީ،އޯއިން އިސްނަންގަވައިގެން ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި މިނިސްޓްރީއަށް އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާކަމަށެވެ. އަދި އެސް.ޓި.އޯ ފަދައިން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގައި އަމިއްލާ ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް މިނސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދަށްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމައްޓަކައި ކުރައްވާ ކޮންމެ ކަމެއްގައި އެސްޓީއޯގެ ފުރިހަމަ އެއްބާރުލުން ދެއްވަވާނެކަމަށެވެ. އެގޮތުން އެސް.ޓީ.އޯގެ ޖީ.އެސް.އާރު ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީއަށް ހަދިޔާކުރެއްވި މި ޑަސްބިންތަކަކީ ކަސްޓަމައިޒް ކުރައްވައިގެން ޑިޒައިން ކޮށްފައިވާ ޑަސްބިންތަކެއްކަމަށެވެ. އަދި ކުރިއަން އޮތްތާނގައި މިފަދަ އިތުރު ޑަސްބިންތަކެއް ހަދިޔާ ކުރައްވާނެކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސް.ޓީ.އޯއިން އެންވަޔަރަމަންޓް މިނިސްޓްރީއަށް ހަދިޔާކުރެއްވި މި ޑަސްބިންތަކަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ހަދިޔާ ކުރެއްވި ޑަސްބިންތަކެކެވެ. މި 20 ޑަސްބިން ބަހައްޓާނެ ސަރަޙައްދުތަކެއް އަންނަ މަހުގެ ތެރޭގައި ކަންޑައަޅުއްވާ، ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވާނެކަމަށް އެންވަޔަރަމަންޓް މިނސްޓްރީން ބުނެއެވެ.