ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް


އެމްއެންޑީއެފް ކޯސްޓްގާރޑުގެ ފްލިޓަށް ތައްޔާރުކުރެއްވި އިންޓަރސެޕްޓަރ އުޅަނދު ތަކަކާ ހަވާލުވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހާމަކުރެއްވި ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، އެމްއެންޑީއެފް ކޯސްޓްގާރޑުގެ ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ 5 އިންޓަރސެޕްޓަރ އުޅަނދުތަކުގެ ތެރެއިން މިހާރު ރާއްޖެ ނުގެނެސް އޮތް 3 އުޅަނދާ ޙަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ފާސްޓް އިންޓަސެޕްޓަރގެ 5 އުޅަނދު މިއަހަރު ނިމުމުގެ ކުރިން އެމްއެންޑީއެފް ކޯސްޓްގާރޑުގެ ޚިދުމަތުގައި ބޭނުންކުރައްވަން ފެއްޓެވުމަށް ހަމަޖެހިފައިވާއިރު މީގެ ދެ އުޅަނދު މިދިޔަ ނޮވެމްބަރު 12 ވަނަ ދުވަހު ރާއްޖެ ގެންނަވާފައިވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑުގެ ޚިދުމަތަށް ނެރުއްވުމަށް ހަމަޖެހިފައިވާ، ފާސްޓް އިންޓަސެޕްޓަރ އުޅަނދުތަކަކީ ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ބަނދެފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތައް އުފެއްދެވުމުގެ އެއްބަސްވުމުގައި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.