ތިމާވެށި

ގައްދޫ އާއި ވިލިނގިލީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް


ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫއާއި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކުނިމެނޭޖްކުރާ މަރުކަޒެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ދެ ކުންފުންޏަކާއި ހަވާލުކުރައްވައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި، ގއ. ވިލިގިލީގައި އިންސިލިނޭޓަރ ޝެޑެއް ޤާއިމު ކުރުމުގެ މަސައްކަތް ޙަވާލު ކުރައްވާފައިވަނީ އެންއެސް.އާރު އިންވެސްޓްމެންޓާއެވެ. މިއީ ގާތްގަނޑަކަށް ސަތޭކަ ތިރީސް ދެ ހާހަށްވުރެ ގިނަރުފިޔާގެ މަޝްރޫއެކެވެ.

އެން. އެސް. އާރު. އިންވެސްޓްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ނަސީރު އަލީއެވެ.

ގދ ގައްދޫގައި ކުނި މެނޭޖް ކުރާ މަރުކަޒެއް ޤާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރައްވާފއިވަނީ އައި. އެސް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ގާތްގަނޑަކަށް ނުވަސަތޭކަ ނުވަދިހަ ހަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. މި އެސްބަސް ވުމުގައި އައި.އެސް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ޝަރީފްއެވެ.

މި ދެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެންވައިރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ކުންފުނިތަކުން މި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް އެދިވަޑައިގަންނަވާކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އެރަށަކަށް އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމް ކުރެއްވުމެވެ.