ޚަބަރު

އެއަރޕޯޓް މުވައްޒަފުންނަށް ޚާއްސަ ސްކީމެއް ތަޢާރަފްކުރަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަރިންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ޚާއްސަ ސްކީމެއް ތައާރަފްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓާރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ. 

އެމްއޭސީއެލްއަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދިލް މޫސާ ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިވެދޭނެ ތަފާތު ސްކީމްތަކެއް ތަޢާރަފްކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މުވައްޒަފުންގެ މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށް އާދިލް ވިދާޅުވިއެވެ.

ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާ މުވައްޒަފުންގެ އަގުވަޒަންކުރުމަކީ މުޙިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އާދިލް ވިދާޅުވީ އެ މުވައްޒަފުންނަކީ ކުންފުނީގެ ރައުސުލްމާލުގެ ބައެއްކަމަށާއި، އެމްއޭސީއެލްއާއި ވަކިވެގެންއެދަނީ އެތަށް އަހަރެއްގެ ތަޖުރިބާއާއި ހުނަރުކަމަށެވެ.

img:http://s1.psmnews.mv/images/660x400/14816923427669.jpg|އެމްއޭސީއެލަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމަށް ބޭއްވި ހަފްލާގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އަލީ ހުސައިން ވިދާޅުވީ ވަޒީފާގައި ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަން މީގެކުރިން މާބޮޑު ކަމެއް ނުކުރެވޭކަން ފާހަގަކުރައްވައި، މިފަހަރު މި ބޭއްވެވި ރަސްމިއްޔާތަކީ މިހާ ކުލަގަދަކޮށް މިކަންކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް މިހާރަށްވުރެ ކުލަގަދަކޮށް މުވައްޒަފުންގެ އަގު ވަޒަންކުރައްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ 57 މުވައްޒަފަކަށާއި، 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ 26 މުވައްޒަފަކަށާއި، 30 އަހަރަށްވުރެ ގިނަ ދުވަހު އެކުންފުންޏަށް ޚިދުމަތްކޮށްދީފައިވާ 8 މުވައްޒަފެއްގެ އިތުރުން 35 އަހަރަށްވުރެ ގިނަ ދުވަހު އެކުންފުންޏަށް ޚިދުމަތްކޮށްދީފައިވާ 3 ފަރާތަކަށްވަނީ ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްފައެވެ. އަދި މީގެ އިތުރުން 65 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރެއްވި 9 ފަރާތަކަށްވެސް އެމްއޭސީއެލުން ވަނީ ޚާއްސަ ހަނދާނީ ފިލައެއް ދެއްވާފައެވެ.