ތަރައްްޤީ

ސަލްޓަންޕާކް ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފަށައިފި


ސަލްޓަންޕާކް ތަރައްޤީކުރުމުގެ މަޝްރޫޢު މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

އެތަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ- އެމްޓީސީސީއާއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، މަސައްކަތް މަޑުޖެހިގެން ދިޔައީ، މަސައްކަތަށް ބޭނުންވާ ސާމާނު ބޭރުން ލިބުމުގައި ދަތިތަކެއް ހުރުމުން ކަމުގައެވެ. އަދި ސަލްޓަން ޕާކްގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުންވެސް އެއީ މަސައްކަތުގެ ދުވެލު މަޑުޖެހިގެން ދިޔަ ކަމެއްކަމަށް ހުޝާމް ވިދާޅުވިއެވެ.

ސަލްޓަން ޕާކްގައި މިހާރު ކުރިއަށްދަނީ، އެތަނުގައި ހަދާ ފައުންޓެއިންގެ މަސައްކަތާއި، "އުސްގެކޮޅު"ގެ މަސައްކަތެވެ. އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ މި މަސައްކަތްތައް ނިމޭނެ ވަކި ތާރީޚެއް އަދި ހާމަކުރަން ދަތިކަމަށެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް މަޝްރޫއު ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާކަމަށެވެ.

ސަލްޓަން ޕާކް ތަރައްޤީ ކުރައްވަން ސަރުކާރުން ނިންމަވާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެތަނުގެ މެއިން އެންޓްރެންސާއި، ފިނިފެންމާ ބަގީޗާއަކާއި، ކުޑަކުދިން ކުޅޭ ސަރަޙައްދަކާއި، ގާރޑް ރޫމެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި އެތަނުގައި ހުރި "އުސްގެކޮޅު" ހެއްދެވުމަށް ނިންމަވާފައި ވަނީ ކުޑަކުދިންނަށް ތާރީޚް ދަސްކޮށްދިނުމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ ވިންޓަރ ތީމްގެ އިތުރުން، ޓްރީ ހައުސްއަކާއި، ވޯކް ވޭސް ތަކާއި، އިތުރު ފިނިފެންމާ ބަގީޗާތަކެއްވެސް ހެދުމަށް ނިންމާފައިވެއެވެ.