ޚަބަރު

ރައީސް ޔާމީން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ވިދާޅުވެއްޖެ


ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި ހުރިހާ ފަސެންޖަރުން މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސްގެ ފްލައިޓް ޕީކޭ 661 ވެއްޓުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި އުޚުވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވާފައިވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް އެ އެއަރލައިނުން ވަނީ ހާމަކޮށްފައެވެ.

މި ބޯޓުން 48 މީހުން ދަތުރުކޮށްފައިވެއެވެ. މި މަތިންދާބޯޓު ވެއްޓިފައި ވަނީ އެއަރޓްރެފިކް ކޮންޓްރޯލާއި މުވާޞަލާތީ ގުޅުން ކެނޑުމަށްފަހު ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ. މި މަތިންދާބޯޓު ވެއްޓިފައިވަނީ ޕާކިސްތާނުގެ އުތުރުގެ ފަރުބަދަ މަތީ ސަރަހައްދަކަށެވެ.