ރިޕޯޓް

ކީރިތި ރަސޫލާ - ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭފުޅެއް


މިއަދު ދުނިޔޭގެ އެންމެހާ މުސްލިމުން، އެ ޝަޚްޝިއްޔަތެއްގެ ޢީދުމީލާދު ފާހަގަކުރަމުން އަންނަ ކީރިތި ރަސޫލާއަކީ އެކަލޭގެފާނު ޝަޚްޞިއްޔަތާމެދު ހުރިހާ ދީނެއްގެ ހުރިހާ ނަސްލަކާއި ނަޞަބެއްގެ މީހުންގެ ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކަށް ތަޢުރީފް ލިބިވަޑައިގަތުން ނިމުމެއް ނާންނާނެއެވެ.

ކީރިތި ރަސޫލާ ދެއްކެވި ނަމޫނާއާއި އެކަލޭގެފާނު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކާއި ޚުލްޤުފުޅާއި ޝަޚްޝިއްޔަތާމެދު ޢިލްމުވެރިންނާއި ޙިކުމަތްތެރިން އެކި ޒަމާނުގައި ވަނީ މުހިންމު ވާހަކަތައް ދައްކާފައެވެ. މީގެތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެއެވެ. 

އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ޝަޚްޝިއްޔަތާމެދު ވާހަކަދެއްކެވި އެއް ބޭފުޅަކީ، ބަރނަޑް ޝޯއެވެ. އޭނާ ވިދާޅުވާ ގޮތުގައި މުޙައްމަދުގެފާނަކީ އިންސާނިއްޔަތުގެ ސަލާމަތެވެ. އެފަދަ ބޭކަލަކު މިއަދު ދުނިޔޭގެ ވެރިކަމުގައި ހުންނެވިނަމަ ދުނިޔެއަށް ޞުލްޙަ މަސަލަސްކަމާއި ބާއްޖަވެރިކަން ގެނެސްދެއްވާނެކަން ކަށަވަރެވެ.

މިކަމާބެހޭގޮތުން ވާހަކަދެއްކެވި އަނެއް ބޭފުޅަކީ ތޯމަސް ކާރލިލްއެވެ. އޭނާ އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުޙައްމަދުގެފާނު ގެންނެވި ފިކްރުތަކަކީ އިންސާނެއްގެ ޚިޔާލުތަކެއް ނޫނެވެ. އަދި އެއީ އިންސާނެއްގެ ކިބައިން ހޯއްދަވާފައިވާ ޚިޔާލުތަކެއްވެސް ނޫނެވެ. ސަހަރާގައި ބޮޑުފުޅުވި މި މުފައްކިރުގެ ހިތްޕުޅުގައިވާ ފިކުރުތަކަކީ ދުނިޔެވީ އެދުމެއް ނުވަތަ މަޤާމެއް ނުވަތަ ބާރެއް ހޯއްދަވަން ގެންގުޅުއްވި ޚިޔާލުތަކެއް ނޫނެވެ. މާތްﷲ އިންސާނުންނަށްޓަކައި ލައްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް އެކަލޭގެފާނު މުސްލިމުންނަށް ގޮވައިލެއްވިކަން ފާހަގަކުރައްވަމުން އެހެންނަމަވެސް އެކަލޭގެފާނު ދުނިޔެއަށް ފުރަގަސްދެއްވިކަން ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ މިއީ ކީރިތި ރަސޫލާގެ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ މުޢުޖިޒާތެއްކަމަށެވެ.

އެހެން މުފައްކިރެއްކަމަށްވާ ލާ މާރޓިން ވިދާޅުވެފައިވަނީ އިންސާނުންގެ މަތިވެރިކަމާއި ޤަދަރު މިނުމަށްޓަކައި ގެންގުޅޭ ހުރިހާ މިންގަނޑުތަކަކުން މިނުނުކަމުގައި ވިޔަސް މުޙައްމަދުގެފާނަކީ ހުރިހާ ގޮތަކުންވެސް އެންމެ މަތިވެރި އިންސާނާ ކަމަށެވެ. ބައިބައިވެފައިވާ ޤަބީލާތަކެއް އެއްބައިވަންތަ ބަޔަކަށް ހެދުމަކީ އިންސާނެއްގެ މަތިވެރިކަން މިނެދޭ މިންގަނޑެއް ކަމުގައި ވާނަމަ މިކަމުގައި މުޙައްމަދުގެފާނަށްވުރެ ފުންނާބުފުޅު އުސް އިންސާނަކީ ފަހެ ކާކުތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ. 

މައިކަލް އެޗް ހާރޓް އޭނާގެ މަޝްހޫރު ފޮތް، ދަ ހަންޑްރެޑްގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ތާރީޚުގައި ދީނީ މައިދާނުގައްޔާއި ލާދީނީ މައިދާނުގައި ހަމަހަމަކޮށް ކާމިޔާބު ހޯއްދަވާފައިވާ ހަމައެކަނި ބޭކަލަކީ މުޙައްމަދުގެފާނެވެ. އޭނާ ވިދާޅުވާ ގޮތުގައި ދުނިޔޭގެ ތާރީޚުގައި މުހިއްމު ދައުރުތައް އަދާކުރައްވާފައިވާ ބޭފުޅުންނަކީ ދުނިޔޭގައި އެ ދުވަސްވަރެއްގައި އޮތް ތަހްޒީބާއި ތަރައްޤީގެ މަރްކަޒުތަކުގައި އުފަންވެ، ތަޢުލީމު ޙާޞިލް ކުރައްވައިފައިވާ ބޭފުޅުންނެވެ. އެކަމަކު މުޙައްމަދުގެފާނު އުފަންވެވަޑައިގެންފައިވަނީ މައްކާގައެވެ. އެއީ އެ ދުވަސްވަރަށް ބަލައިއިރު ނާތަހްޒީބު ހިސާބެކެވެ. އެއީ އެ ދުވަސްވަރު ވިޔަފާރީގެ މަރްކަޒެއް ނޫނެވެ. އެއީ ތަޢުލީމީ މަރްކަޒެއްވެސް ނޫނެވެ. މިފަދަ ތަނެއްގައި ރައްކައުވެވަޑައިގެން ބޮޑުފުޅުވި ބޭކަލަކު ގެންނެވި ރިސާލަތުގެ ސަބަބުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްލާމީ ވަރުގަދަ ޙަޟާރަތެއް އުފެދި އިސްލާމީ ވަރުގަދަ ދައުލަތެއް ދުނިޔޭގައި ޤާއިމު ކުރެވިފައިވާކަން މރ. ހާރޓް ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވަ ގޮތުގައި އެއީ ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ދައުލަތެވެ.