ވިޔަފާރި

މާރުކޭޓުގެ ގޮޅިތައް ޤަވާއިދަށް ފެއްތުމަށް އެއްބާރުލުން ދެނީ


ލޯކަލް މާރުކޭޓްގެ ގޮޅިތަކާއި ވަޅޯމަސް މާރުކޭޓުގެ ގޮޅިތައް ވިޔަފާރީގެ ޤާނޫންތަކާއި ޤަވާޢިދުތަކަށް ފެއްތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން އަރުވާނެކަމަށް މި ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެފިއެވެ. މި ފަރާތްތަކުން މިހެން ބުނެފައިވަނީ  ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާތީ އެކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކުގެ ޚިޔާލު މިކަމުގައި ހުރިނެތް ގޮތް އޮޅުންފިލުއްވައި، މި މައްސަލައަށް ޙައްލެއް ހޯދޭނެ ގޮތްތަކާމެދު ޚިޔާލު ބަދަލުކުރެއްވުމެވެ.

އެގޮތުން މިކަން ޙައްލުކުރުމަށް ކުރެއްވެން ހުރި މަސައްކަތްތަކަކީ ކޮބައިތޯ ބެއްލެވުމަށް ގޮޅިތަކުގައި ވިޔަފާރިވެރިންގެ މައްޗަށް އެކުލަވާލައްވާފައިވާ ކޮމެޓީއާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން 4 ކަމެއް ހުށަހަޅާފައިވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކުން ބުނެފައިވަނީ، ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރަން ޖެހޭނީ ދިވެހިން ކަމުގައި ސަރުކާރުން ކަނޑައަޅުއްވާފައި އޮތް އޮތުން އެގޮތަށް ދަމަހައްޓަން ޖެހޭނެކަމުގައެވެ. ނަމަވެސް ކޮންމެ ގޮޅިއަކަށްވެސް މަސައްކަތު މީހެއް ލިބެންޖެހޭކަމަށް މިފަރާތްތަކުން ހުށަހަޅާފައިވެއެވެ. މި މަސައްކަތު މީހާއަކީ ދިވެއްސަކަށްވިޔަސް އަދި ބިދޭސީއަކަށް ވިޔަސް ގޮޅިއަށް ނެގޭ މަސައްކަތު މީހާއަށް ވަކި ޔުނީފޯމެއް ކަނޑައެޅުމަށްވެސް މިފަރާތްތަކުން ހުށަހަޅާފައިވެއެވެ. އެގޮތުން މިދެވޭ ޔުނީފޯމަކީ ގޮޅީގެ ނަންބަރު ޖަހާ ކޮން ގޮޅިއެއްގައި މަސައްކަތްކުރާ މީހެއްކަން އެނގޭގޮތަށް ޔުނީފޯމް ހެދުމަށްވެސް ހުށަހަޅާފައިވެއެވެ.

މި ބައްދަލުވުމުގައި ގޮޅިތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން ވަނީ ކޮންމެ ގޮޅިއަކަށްވެސް މަސައްކަތު މީހެއްގެ ގޮތުގައި ބިދޭސީއަކު ގެނައުމުގެ ކޯޓާއަށް ދޫކުރެއްވުމުގެ އުޞޫލެއް ކަނޑައަޅައިދެއްވުމަށް އެދިފައެވެ. ކޮންސިއުމާ ޤާނޫނުގެ ތެރެއިން ވިޔަފާރިތަކުގައި މިނެކިރުމަށް ބޭނުންކުރާ ކައްޓާތަކުގައި އަހަރުން އަހަރަށް ސީލްޖަހަންޖެހެއެވެ. އެހެންވުމުން މިހާރު ގޮޅިތަކުގައި ހުރި ސީލްނުޖަހާ ކައްޓާތަކުގައި ސީލްޖެހުމަށް އިކޮނޮމިކް މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ދެއްވާނެކަމަށްވެސް ގޮޅި ހިންގާ ފަރާތްތަކުން ބުނެފައިވެއެވެ.

ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އެގޮތުން ގޮޅިތަކަށް މަސައްކަތު މީހުންގެ ގޮތުގައި ބިދޭސީއަކު ގެނައުމަށް ދޫކުރަންޖެހޭ ކޯޓާތައް ދޫކުރެއްވޭނެ ގޮތަކާމެދު ކަމާގުޅުން ހުރި އިދާރާތަކާއެކު އަންނަ ހަފްތާގެތެރޭގައި މަޝްވަރާކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. އަދި މި ކޮމިޓީން އެކުލަވާލާ އުޞޫލުތަކާއި ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން އެއްމަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ނިންމަވާފައިވަކަމަށްވެސް އިކޮނޮމިކް މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.