މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނާއި ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިދޭ މާޙައުލެއް ލިބިދޭން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޑަކުދިންގެ ހަވީރު މިއަހަރުވެސް ފާހަގަކޮށްފިއެވެ. ހުޅުލޭގެ ހުޅަނގު ދެކުނު ސަރަޙައްދުގައި އަލަށް ހިއްކާފައިވާ ބިމުގައި މިއަދު ހަވީރު ފާހަގަކުރި މި ކުޑަކުދިންގެ ހަވީރުގައި ގިނަ ޢަދަދެއްގެ ކުދިން ބައިވެރިވެފައިވެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނާއި ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިދޭ މާޙައުލެއް ހޯދައިދިނުމަށް ކޮންމެ އަހަރަކުވެސް އަންނަނީ ކުޑަކުދިންގެ ހަވީރެއް ބާއްވަމުންނެވެ. މި ހަވީރާގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އެމްއެލްސީއެލްގެ ޖެނެރަލް މެނޭޖަރ އޮފް ޔޫތު ސަރވިސް މުޙައްމަދު ނިޔާޒު ވިދާޅުވީ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެކި ތަންތަން މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމާއި މުވައްޒަފުންގެ ހުނަރުތައް ދައްކާލުމަކީވެސް މި ހަވީރު ފާހަގަކުރުމުގެ ބޭނުމެއް ކަމަށެވެ.
މި ހަވީރުގައި 15 ސްޓޯލަކުން ކުޑަކުދިންނާއި ގުޅޭ ތަފާތު ޙަރަކާތްތަކެއް ވަނީ ހިންގާފައެވެ. އޭގެތެރޭގައި އެމް.އޭ.ސީ.އެލްގެ ފަޔަރ އެންޑް ރެސްކިއުގެ ޓްރަކްއަށް އެރުމުގެ ފުރުޞަތާއި ސެސްނާ މަރުކާގެ މަތިންދާ ބޯޓަކަށް އަރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިފައިވެއެވެ. މި ހަވީރު ކުރިއަށް ދިޔަ ވަގުތަގައި ހަބޭސް ބޮޑުބެރު ގުރޫޕުގެ ފަރާތުން ވަނީ ބޮޑުބެރުގެ ޙަރާކަތްތައްވެސް ދައްކާލާފައެވެ. ހަމައެހެންމެ، މި ހަވީރުގެ ބައިވެރިންނަށް އެމް.އޭ.ސީ.އެލްގެ ފަރާތުން ބާބެކިއުއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރު ނިންމާލަމުން 50 ފޫޓުގެ ދިގު ކޭކެއް ފަޅާފައިވެއެވެ.