ޚަބަރު

ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ދަނީ ރަނގަޅުވަމުން


ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު މީގެ ފަސްއަހަރު ކުރިން އޮތް ޙާލަތާއި އަޅާބަލާނަމަ މިހާރު ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ވަރަށް ބޮޑުތަން ރަނގަޅުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ބޭރުގެ އޮބްޒާވަރުންނަށް ރާއްޖޭގެ ޖަލުތަކުގައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމަށް މަގުފަހިވެފައިވާ ކަމަށެވެ. އެގޮތުން ބޭރު ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ އޮބްޒާވަރުންނަށް ބޭނުން ވަގުތަކު ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިސަރުކާރުން ތަނަވަސް ކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14812162987930.jpg|ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު (ކ) ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި - ފޮޓޯ: ޕީއެސްއެމް

އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެވި، ޖަލުތަކުގައި އެކި ހުކުމްތައް ތަންފީޒުކުރަމުން ގެންދަވާ ފަރާތްތަކަށް އެކި ކޯސްތައް ހިންގި، ޖަލުތަކުން އެނބުރި އަންނަ ފަރާތްތަކަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެއްދެވުމުގެ ގޮތުން އަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އަދި މިހާރުވެސް މިފަދަ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

ޤައުމަށް ޙިދުމަތް ކުރެއްވި ބައެއް ބޭފުޅުން އެކި މައްސަލަތަކުގައި ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މިފަދަ ބޭބޭފުޅުންނަކީ އަދިވެސް ބައެއް ޢާއްމުންގެ ތެރޭގައި އިޙްތިރާމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވުމާއެކު މިފަދަ ބޭފުޅުންނަށް ޖަލުތަކުގައި ހަމަޖެހިފައިވާ އިންތިޒާމްތައްވެސް ފުރިހަމަ ކުރެވި ޖަލުތަކަށް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ނުދޭ އަޙައްމިޔަތު ދެވި ޖަލުތަކުގެ ޙާލަތަށް އެދެވޭ ބަދަލުތަކެއް މިއަދުގެ ސަރުކާރުން ގެންނަވާފައިވާ ކަމަށެވެ.