ވިޔަފާރި

އިސްލާމިކް ފައިނޭންސް އެންމެ ކުރިއެރުން ހޯދި ލިސްޓުގައި ރާއްޖެ


2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީކް ފައިނޭންސްގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކީ ދިވެހިރާއްޖެކަމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ހާމަކޮށްފިއެވެ.

އައިސީޑީ-ތޮމްސަން ރޮއިޓާސްއިން ޢާންމުކުރި އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް އިންޑިކޭޓަރ 2016 ގެ ރިޕޯޓުގައި އިސްލާމިކް ފައިނޭންސް އެންމެ ބޮޑަށް ކުރިއަރާފައިވާ 15 ޤައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މި ރިޕޯޓްގައިވާ ގޮތުން ރައްޖޭގައި އިސްލާމިކް ބޭންކިންގ އެސެޓްގެ ގޮތުގައި 114.14 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި މިދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ސިނާޢަތްތަކަކުން އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ހޯދާފައިވާކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. މި ސަރަޙައްދުގެ ޤައުމުގެތަކުގެ ތެރެއިން ރާއްޖެއާއެކު އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއްގެ ގޮތުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގައުމަކީ ޕާކިސްތާނެވެ.

އެންމެ ބޮޑަށް އިސްލާމިކް ފައިނޭންސް ކުރިއަރާފައިވާ ޤައުމުތައް ދެނެގަތުމަށް ނެރޭ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ގިނައީ ގަލްފް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކެވެ.