ޚަބަރު

އަލިފާނުގެ ހާދިސާތަކަށް ބިދޭސީން ހޭލުންތެރިކުރައްވަނީ


ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ބޮޑެތި ޙާދިސާތައް ގިނަ ޢަދަދަކަށް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ. މި ޙާދިސާތަކުގައި ޢާންމުންގެން މުދަލާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިފަދަ ޙާދިސާތަކުން ބައެއްގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލާފަދަ ޙާދިސާތައްވެސް ހިނގާފައިވެއެވެ. މިފަދަ ޙާދިސާތަކުގައި ތިމާގެ ފުރާނައާއި، މުދާ ރައްކާތެރިކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ ތިމާ އަމިއްލައަށް ކަމުން، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެކެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ފަރުވާކުޑަކޮށްލުމުގެ ސަބަބުން ތިމާ ޢުމުރުދުވަހު ކުރި މަސައްކަތް އަނދައި އަޅިއަށް ވެގެންދިއުން އެކަށީގެންވެއެވެ.

މާލޭގައި ފަހުގެ ތާރީޚުގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ވިދާޅުވީ، ވިސްނާ ނުލާ ކުރެވޭ ކުދި ކަންކަމުގައި ބޮޑެތި އަލިފާނުގެ ޙާދިސާތައް ހިނގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް އަލިފާނުގެ ޙާދިސާތައް ހިނގައިގެން ރިޕޯޓް ލިބެމުން އަންނަކަމަށެވެ. ނަމަވެސް ބޮޑެތި ޙާދިސާތަކުގެ ގޮތުގައި ފާހަގަކުރެވެނީ އަހަރަކު ފަނަރަ ނުވަތަ ސޯޅަ ޙާދިސާކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް އަލިފާނުގެ ބޮޑެތި ދިހަ ހާދިސާ ހިނގާފައިވާކަމަށް ވިދާޅުވިއެވެ. މިކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޭބީސީތަކާއި ސްކޫލްތަކުގެ ދަރިވަރުންނާއި، އޮފީސްތަކާއި ޢާންމުކޮށް ދިވެހި ރައްޔިތުން ހޭލުންތެރިކުރުމުގެ އެތައް ހާސް ޕްރޮގްރާމްތަކެއް ހިންގާފައިވާކަން ޒުހުރީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލިފާނުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބިދޭސީންނަށް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14810314135889.jpg|މާލެގައި ހުރި ވަކަރު ރައްކާކުރާ ގުދަނެއް އެމްއެންޑީއެފުގެ އޮފިސަރުން ބައްލަވަނީ- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަޔަރ އެންޑ ރެސްކިއު ސަރވިސް ކޮމާންޑްގެ އެހީތެރިޔާ މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމް ވިދާޅުވީ، އަލިފާނުގެ ގިނަ ޙާދިސާތަކަކީ ކުދި ހާދިސާތައް ނަމަވެސް ނުރއްކާވާ ހިސާބައް ގޮސްފައިވަނީ އެފަދަ ކުދި ޙާދިސާތަކަށް އިޖާބަ ނުދެވުމުގެ ސަބަބުންކަމަށެވެ. ފަހުގެ ޢިމާރާތްތަކުގައި އަލިފާނުން ރައްކާތެރިވާނެ ނިޒާމްތައް ޤާއިމްކޮށްފައި ހުރިނަމަވެސް،  މެއިންޓެނަންސް ނުކުރުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގާފައިވާކަމަށް ވިދާޅުވިއެވެ. އަދި ފަރުދީ ފެންވަރުގައި އަލިފާނުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ތަފްޞީލްކޮށްދެއްވަމުން މޭޖަރ ނަދީމް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލް ކުރާ ފަރާތްތަކުން ވިސްނާނުލާ އެއްލައިލާ ސިނގިރޭޓުންވެސް ބައެއް ގޭގެގައި އަލިފާނުގެ ޙާދިސާތައް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށެވެ.

މާލޭގައި ގިނަ ޢަދަދަކަށް އަލިފާނުގެ ޙާދިސާތައް ހިނގަމުންދާތީ އެމްއެންޑީއެފުން ވަނީ، މާލޭގެ ގުދަންތައް ބައްލަވައި ފާސްކުރެއްވުމުގެ ޕްރޮގްރާމެއް ފަށްޓަވާފައެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ހިންގަވާ މި ޕްރޮގްރާމުގައި ޢިމާރާތްތަކުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބައްލަވައި، އެތަކެތި ހުރި ހާލަތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވާނެ ކަމަށާއި، އެތަންތަނުގެ ސަލާމަތީ ކަންކަންވެސް ބައްލަވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.