ޚަބަރު

ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


ރާއްޖެ އިސްލާމްވި ދުވަސް މީގެ ކުރިން ފާހަގަކުރެވިފައި ނުވާހާ ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތައް ގުޅިވަޑައިގެން މަސައްކަތް ފަށްޓަވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރައްވަނީ ހިޖުރައިން ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. މީލާދީގޮތުން މި އަހަރު މި ދުވަސް ދިމާވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއެވެ. ރާއްޖެ އިސްލާމްވުމަކީ ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި ނިޢުމަތްކަމަށް ވުމާއި ދިވެހިންގެ ކުރިއެރުމާއި އެއްބައިވަންތަކަމުގެ އެންމެ ބޮޑު ސަބަބުކަމަށް ވުމާއެކު ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން މިއަހަރު މިދުވަސް ފާހަގަކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތައް ގުޅިވަޑައިގެން މިހާރު ވަނީ މަސައްކަތް ފަށްޓަވާފައެވެ. މިކަން ވިލަރެސްކުރައްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ގުޅިވަޑައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިދުވަސް ފަހަގަކުރެއްވުމުގެ ޙަރަކާތްތައް މި ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފަށްޓަވާނެއެވެ. އެ ދުވަހުގެ ހަވީރު 4:00ގައި، ހުކުރު މިސްކިތުގެ ކުރިމަތިން ކައުޓްޑައުން ފެއްޓެވުމުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގެވުމަށް ވަނީ ނިންމަވާފައެވެ. ހަފްތާއެއްހާ ދުވަހަށް ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާއިރު، ދިވެހި ބަހުގެ އެކެޑަމީއާ ގުޅިވަޑައިގެން ސްކޫލް ދަރިވަރުންނަށް ޚާއްޞަ ޅެންހެދުމާއި މަޒްމޫން ލިޔުމުގެ މުބާރާތެއް ބޭއްވެވުމަށް ނިންމަވާފައިވެއެވެ.

އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްޠަފާ ވިދާޅުވީ، ދުވަހާ ގުޅުވައިގެން ހިންގަވާ ޙަރަކާތްތައް ނިންމެވުމަށް ހޯމް މިނިސްޓްރީއާއި، ދިވެހި ބަހުގެ އެކެޑަމީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި ޙަރަކާތަކަކީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކުރިއަށް ގެންދަވާ ޙަރަކާތްތަކަށް ހައްދަވާނެ ކަމަށެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށްފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމާއި، ޚާއްޞަ ދުޢާއެއް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ބާއްވަވާ ޚާއްޞަ ޖަލްސާ އޮންނާނީ 31 ވަނަ ދުވަހުގެ ރޭގައެވެ. އެއްތިރީސްވަނަ ދުވަހު ކުރިއަށްގެންދަވަ އިތުރު ޙަރަކާތްތަކުގެ ތެރޭގައި، ހުރިހާ ރަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް ރަށްރަށުގެ މިސްކިތްތައް ފޮޅައި ސާފުކުރެއްވުމާއި، މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވެވުން ހިމެނެއެވެ. ހަމަ މިއާއެކު ދުވަހާ ގުޅޭ ޓީވީ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމަވާފައިވެއެވެ. މި ހަފްތާތެރޭގައި، ތާރީޚީ ސަބަބުތަކަށްޓަކައި މެދު ޒިޔާރަތް ޢާންމުންނަށް ވަދެވޭ ގޮތަށް ހުޅުއްވާލައްވައި، އެތަނާއި ރާއްޖޭގެ އިސްލާމީ ތާރީޚްގެ މަޢުލޫމާތަށް އަހުލުވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސް ނިންމަވާފައިވެއެވެ.