ޚަބަރު

މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި


މާލޭގެ ލޯކަލް މާރުކޭޓާއި ވަޅޯމަސްމާރުކޭޓުގެގޮޅި ހިންގާ ފަރާތްތަކާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ، ލޯކަލް މާރުކޭޓާއި ވަޅޯމަސްމާރުކޭޓުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާތީ އެކަމަށް ހައްލެއް ގެންނެވުމުގެ ގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރެގ ނާއިބް އަބްދު ﷲ މުހައްމަދު ވިދާޅުވިއެވެ. އަދި މި މަޝްވަރާގެ އެންމެ ބޮޑު ބޭނުމަކީ ގޮޅިތައް ހިންގާ ފަރާތްތަކުގެ ވިސްނުން ހުރި ގޮތް ބައްލަވައި މިކަމަށް ހޯދޭނެ ހައްލަކީ ކޮބައިތޯ ބެއްލެވުން ކަމަށްވެސް މިނިސްޓަރގެ ނާއިބް ވިދާޅުވިއެވެ.

މިރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި، މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކާއި އިކޮނޮމިކް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު ވަނީ މި މައްސަލަ ހައްލުކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި މިކަމާބެހޭ އުސޫލުތަކެއް ކަނޑައެޅުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނެނީ މާރުކޭޓުގައި ގޮޅިތައް ހިންގާ ފަރާތްތަކެވެ.

އިކޮނޮމިކް މިނިސްޓަރގެ ނާއިބް އަބްދު ﷲ މުޙައްމަދު ވިދާޅުވިގޮތުގައި މި ކޮމިޓީން އެކުލަވާލާ އުސޫލުތަކާ ޚިލާފްވާ ފަރާތްތަކާއި ދޭތެރޭ އެއްމަސްދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިފެއްޓެވި މަސައްކަތަކީ ކުރުން ލަސްވެފައިވާ މަސައްކަތެއްކަމަށް މާރުކޭޓްގައި ވިޔަފާރިކުރާ ފަރާތްތަކުން މިރޭ ބުނެފައިވެއެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ހެދޭ އުސޫލުތަކަށް އެންމެ ފުރިހަމަ އަމަލުކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައިވެސް މިފަރާތްތަކުނެދެކެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކުން ބުނެފައިވަނީ، ސަރުކާރުން ކޭޝިއަރުންގެ ގޮތުގައި ތިބެންޖެހޭނީ ދިވެހިން ކަމުގައި ކަނޑައަޅާފައި ވީނަމަވެސް އެތަނުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުން ދިވެހި ކޭޝިއަރުން ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ދިވެހި ކޭޝިއަރުން ތިބި ނަމަވެސް ގޮޅީގައި ކުރަންޖެހޭ ބައެއްކަހަލަ މަސައްކަތްތައް ކުރުމަށް ދިވެހިން ހޯދުމަކީ ދަތިކަމަކަށް ވެފައިވާކަމަށެވެ. އެހެންކަމުން ބިދޭސީން އެ މަސައްކަތްތަކަށް ގެނައުމަށް އެފަރާތްތަކަށް މަޖުބޫރުވާކަމަށްވެސް އެފަރާތަތްކުން ބުނެފައިވެއެވެ. އަދި މިރޭގެ މި ބައްދަލުވުމުގައި މިފަރާތްތަކުންވަނީ ކޮންމެ ގޮޅިއަކަށްވެސް މަސައްކަތު މީހެއްގެ ގޮތުގައި ބިދޭސީއަކު ގެނައުމުގެ ކޯޓާއަށް ދޫކުރުމަށް އެދިފައިއެވެ.